ތިމާވެށި

" ކޮޕް 21 ސަމިޓުގެ އެއްބަސްވުމަކީ، ތާރީޚީ އެއްބަސްވުމެއް "


ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ކުރިއަށް ދިޔަ މޫސުމާ ބެހޭ ސަމިޓްގައި އެކުލަވާލީ އެއްބަސްވުމަކީ ތާރީޚީ އެއްބަސްވުމެއް ކަމަށާ، ތާރީޚުގައި މިކަން ފަވާލެވިގެންދާނީ އެއްބަސްވުމާ މެދު ދެން ބައިނަލްއަޤްވާމީ ދުނިޔެއިން ޢަމަލުކުރާ ގޮތް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޕެރިހުގައި އޮތް ސަމިޓްގައި ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު " އެއޯސިސް "ގެ ރިޔާސަތު ބަލަހައްޓަވާ ގައުމުގެ ހައިސިއްޔަތުން، އެއްބަސްވުން ޤާއިމުކުރުމަށް ފަހު، ސަމިޓްގައި ވާހަކަފުޅު ދައްވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވީ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ހުރިހާ ގައުމަކަށް ވެސް މިހާރު ކުރަމުންދާ ކަމަށާ، މިކަމުން ސަލާމަތްވާނެ އެއްވެސް ގައުމެއް ނޯންނާނެކަމަށެވެ.  ވޭތުވެދިޔަ އަހަރުތަކުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުން ބާއްވާ މަޝްވަރާތަކުގައި ގައުމުތަކުގެ ބައިވެރިވުން އިތުރުވެ ބިނާ ކުރަނިވި ވާހަކަތަކެއް ދައްކާފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި ޤާއިމުކުރި އެއްބަސްވުމާއެކު އިޔާދަކުރަނިވި ހަކަތަ ހެޔޮ އަގުގައި ލިބޭނެ މަގުތައް ފަހިކޮށް، ހެޔޮ ގޮތުގައި ހަކަތަ ބޭނުންކުރުމުގެ ސަޤާފަތްތައް ގެންގުޅެން ޖެހޭ ކަމަށް ތޯރިޤް ވިދާޅުވިއެވެ. މިނިސްޓަރ ތޯރިޤް ވަނީ މިއެއްބަސްވުމާއެކު، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑެތި އަސަރު ކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ދުނިޔޭގެ އެހީތައް ފޯރުކޮށްދޭ ނިޒާމު ހަރުދަނާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ފަރަންސޭސިވިލާތުގެ ޕެރިހުގައި ކުރިއަށް ދިޔަ ކޮޕް 21 ސަމިޓްގައި ޤާއިމުކޮށްފައިވާ ތާރީޚީ އެއްބަސްވުމަށް ދިވެހި ސަރުކާރުން ވަނީ މަރުޚަބާ ވިދާޅުވެފައެވެ.  ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއެއްބަސްވުމަކީ އުއްމީދު ފުރިގެންވާ އެއްބަސްވުމެއް ކަމަށެވެ.