ޚަބަރު

މިއަދު ހަނގުރާމަކުރަނީ ކަނޑި ބަޑީގެ ބަދަލުގައި، ފިކުރާ ކުޅެގެން


މިއަދުގެ
ހަނގުރާމައަކީ ކަނޑި ބަޑިއާ  ލޮންސީގެ
ހަނގުރާމައެއް ނޫން ކަމަށާއި، މިއަދުގެ ހަނގުރާމައަކީ ގައުމުގެ ހާލަތު ބަދަލު
ކުރުމަށް ފިކުރީ ގޮތުން ކުރާ ހަނގުރާމަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ
ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.



ރައީސް
މިހެން ވިދާޅުވީ، ހއ. އުތީމުގައި އޮތް ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި
ވާހަކަފުޅު ދައްކަވަމުންނެވެ.



ގައުމީ
ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ މުހައްމަދު ތަކުރުފާނުގެ ޒިކުރާ އާ ކުރައްވަމުން،
ރައިސުލް ޖުމްހޫރިއްޖާ ވިދާޅުވީ، އުތީމު ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދަކީ
މިއަދުގެ އަސްކަރިއްޔާއިންވެސް ނަމޫނާ އަކަށް ބަލާ ޖިހާދެއްކަމަށެވެ. ދިވެހި
ދައުލަތް ނިކަމެތި ހާލަތަކަށް ގައުމު ފުރޮޅިގެންދާން އެއްވެސް ދިވެހި ދަރިއެއް
ބޭނުން ނުވާނެ ކަމަށާއި، ނިކަމެތި ހާލަތަކަށް ގައުމު ފުރޮޅިގެންދާން ޖާގަ ދެނީ
ކީއްވެގެންތޯ ރައީސް ސުވާލު އުފެއްދެވިއެވެ. އަދި ފަރުދުންގެ ހައްގަށް ވުރެ
އިސްކަން ދޭން ޖެހެނީ، ގައުމުގެ ހައްގަށްކަން  ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.



ރައީސް
ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރައްވަނީ، ދިވެހި ދައުލަތަކީ އިގްތިސާދީ ގޮތުން
ފުދުން ތެރި ގައުމަކަށް ހެދުމަށް ކަމަށެވެ. 



ގައުމި
ދުވަހުގެ ރަސްމީ ޖަލްސާގައިވަނީ،  އުތީމު
ކައުސިލާއި، އެމްއެންޑިއެފްއިން ގައުމީ ދުވަހުގެ މުނާސަބަތުގައި ތައްޔާރު ކުރައްވާފައިވާ
ލަވަސީޑީ އެއްވެސް ނެރުއްވާފައެވެ. މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ބާރަށު ދާއިރާގެ
މެމްބަރު އިބްރާހިމް ޝުޖާޢު ވެސްވަނީ، ބޮޑުތަކުރުފާނުގެ ޖިހާދުގެ މައްޗަށް
އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.



މި
ޖަލްސާގައި ވަނީ އުތީމު ބަނދަރު ހައްދަވާ ދެއްވި، ހެވީ ފޯސް ކުންފުންޏަށް އުތީމު
ކައުންސިލްގެ ފަރާތުން ހަނދާނީ ފިލައެއްވެސް އަރުވާފައެވެ. ގައުމީ ދުވަސް ފާހަގަ
ކުރުމުގެ ގޮތުން އުތީމުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން މިރޭ ޚާއްސަ
މިއުޒިކް ޝޯއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.