ވިޔަފާރި

ފްރާންސްއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްގެ ޚާއްސަ ކެމްޕެއިނެއް


ފްރާންސް މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓައި، މިމާކެޓަށް ރާއްޖޭގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބައިނަލްއަޤްވާމީ ޓެކް ކުންފުނި،"އިންވައިބްސް"އާއެކު ވިޒިޓް މޯލްޑިވްސްއިން ޑިޖިޓަލް މާކެޓިން ކެމްޕެއިނެއް ފަށައިފިއެވެ. މިކެމްޕެއިން ފަށާފައިވަނީ މިމަހުއެވެ. އަދި އެއްމަސްދުވަހުގެ ނިޔަލަށް ކެމްޕެއިން ކުރިއަށްދާނެއެވެ.

މި ކެމްޕެއިން އަމާޒުކުރެވިފައިވަނީ ހަނީމޫން ހޭދަކުރާ މީހުންނާއި، ކަޕަލް އަދި ފެމިލީތަކުގެ މެދުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖެ ޕްރޮމޯޓުކުރުމަށްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މިކެމްޕެއިންގެ އެންމެބޮޑު އެއް މަޤްސަދަކީ ފްރާންސް މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމެވެ.

އިންވައިބްސް އަކީ ޑިޖިޓަލް މާކެޓިންގެ އުފެއްދުންތައް ތަރައްޤީކޮށް މިފަދަ އުފެއްދުންތަކުގެ ޒަރިއްޔާއިން ވީޑިއޯއާއި ފޮޓޯގެ ބޭނުންކޮށް ތަފާތު ގޮތްގޮތަށް އެޑްވަޓައިޒިން ކެމްޕެއިންތަކާއި ޙަރަކާތްތައް ހިންގާ ކުންފުންޏެކެވެ. ވިޒިޓް މޯލްޑިވްސްއާއެކު އިންވައިބްސްއިން ކުރިޔަށް ގެންދާ ކެމްޕެއިންގެ ތެރެއިން ހައި ޑެފިނިޝަން ފޮޓޯއާއި ވީޑިއޯ ބޭނުންކޮށް، ރާއްޖޭގެ ރަށްތަކުގެ ނަލަ މަންޒަރުތައް އިސްތިހާރުކުރާނެއެވެ.

ވިޒިޓް މޯލްޑިވްސްއިން ލަފާކުރާގޮތުގައި މި ކެމްޕެއިންގެ ޙަރަކާތްތަކުގެ ސަބަބުން 300،000އާއި 1.5 މިލިއަން މީހުންނަށް ރާއްޖޭގެ ބްރޭންޑް އިސްތިހާރުވާނެއެވެ. އަދި ރާއްޖެއަކީ މިދަނޑިވަޅުގައި ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ޕްރޮމޯޓު ކުރެވޭނެއެވެ.

އޯގަސްޓް 10ގެ ނިޔަލަށް ފްރާންސްއިން ރާއްޖެއަށް 13،267 ފަތުރުވެރިން އައިސްފައިވާއިރު، މިއީ ރާއްޖެއަށް 10ވަނައަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. އަދި ދަތުރުފަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދެވެމުންދާ ލުއިތަކާއެކު، އެއަރ ފްރާންސްއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް އޮޕަރޭޓްކުރުމުންދާތީ، ކުރިއަށްއޮތް މަސްތަކުގައި ފްރާންސްއިން ރާއްޖެއަށް ފަތުރުވެރިން އަންނަ ޢަދަދު އިތުރުވާނެކަމަށް ލަފާކުރެވެއެވެ.

ފްރާންސްއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް މާކެޓަށް ވުމުން، ވިޒިޓް މޯލްޑިވްސްއިން ދަނީ ރާއްޖޭއަކީ ފްރާންސްގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަށް ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.