ވިޔަފާރި

އޮގަސްޓުމަހު ގްރީން ފަންޑުން 32.9 މިލިއަން ރުފިޔާ ޚަރަދުކޮށްފި


މިއަހަރުގެ އޮގަސްޓުމަހު ގްރީން ފަންޑުން 32.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކުރައްވާފައިވާ ގްރީން ފަންޑުގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އޮގަސްޓުމަހު 25 މަޝްރޫއަކަށް ގްރީން ފަންޑުން ވަނީ ޚަރަދުކޮށްފައެވެ. މީގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން އޮގަސްޓުމަހު ގްރީން ފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ގްރޭޓަރ މާލެ އެންވަޔަރަމެންޓަލް އިމްޕްރޫވްމަންޓު އެންޑް ވޭސްޓު މެނޭޖްމަންޓު މަޝްރޫޢަށެވެ. މި މަޝްރޫއަށް 4.6 މިލިއަން ވަނީ ޚަރަދުކޮށްފައެވެ. 2 ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހދ.ކުރިނބީ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢަށެވެ. އެއީ 4.4 މިލިއަން ރުފިޔާއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ.

އޮގަސްޓުމަހު ގްރީން ފަންޑަށް 75.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ޖުލައިމަހު ލިބިފައިވަނީ ކ.އަތޮޅުންނެވެ. އެއީ 29.6 މިލިއަން ރުފިޔާއެވެ. 2ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އދ.އަތޮޅުންނެވެ. އެއީ 10.6 މިލިއަން ރުފިޔާއެވެ. އޮގަސްޓުމަހު ނިމުނު އިރު ގްރީން ފަންޑުގައި ހުރީ ޖުމްލަ 1.06 ބިލިއަން ރުފިޔާއެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.