އިޓަލީގެ ޤައުމީ އެއަރލައިންގެ މަޤާމުގައި ދިގު 75 އަހަރު ހޭދަ ކުރި އަލިޓާލިއާ އުވާލައި، އިޓާލިއާ ޓްރާންސްޕޯޓޯ އެއިރޯ (އައިޓީއޭ)ގެ އުދުހުންތައް ފަށައިފިއެވެ.
މިއެއަރލައިންގެ ފުރަތަމަ ދަތުރު ކޮށްފައިވަނީ ހުކުރު ދުވަހު އިޓަލީގެ މިލާން އިން ދެކުނުގައި އޮންނަ ބާރި ނަމަކަށް ކިޔާ ރަށަކަށެވެ. އަލަށް އުފެއްދި އައިޓީއޭ އަކީ އަލިޓާލިއާގެ މުދަލާއި ބްރޭންޑާއި އެކު ފެށި ކުންފުންޏެކެވެ. އައިޓީއޭއިން އަލިޓާލިއާގެ ބްރޭންޑް ގަނެފައިވަނީ 90 މިލިއަން ޔޫރޯއަށެވެ. މިއީ އަލިޓާލިއާއިން ވިއްކަން އުއްމީދު ކުރި އަގުގެ 1/3 ކަމަށް އަލިޓާލިއިން ހުކުރު ދުވަހު ވަނީ ހާމަކޮށްފައެވެ.
އައިޓީއޭއަކީ އިޓަލީ ސަރުކާރުގެ ހިއްސާއާއި އެކު ފަށާފައިވާ ކުންފުންޏެކެވެ. މި ކުންފުނި ވުޖޫދުވެ އުދުހުންތައް މިހާރު ފަށާފަައިވާއިރު، އަލިޓާލިއާ މިވަނީ އެއްކޮށް އުވިގެން ގޮސްފައެވެ. އަލިޓާލިއާ އުވެން ދިމާވި އެންމެ ބޮޑު ސަބަބެއް ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުގައި ބުނެފައިވަނީ އެކުންފުނީގެ ދިގު މާޒީގައި ފައިދާވާ ކުންފުންޏެއް ގޮތުގައި ކުންފުނި ހިނގާފައި ނެތުމެވެ.
އަލިޓާލިއާ ކުންފުނި އުފައްދާފައިވަނީ 1946 ވަނަ އަހަރުއެވެ. އެކުންފުނީގެ ދިގު މާޒީގައި ކުންފުނީގެ އޯނާޝިޕް އެތައް ފަހަރަކު އެތައް ގޮތަކަށް ބަދަލުވެގެން ދިޔައެވެ. މިކަމުގެ އަޑީގައި އޮތީ އިޓަލީގެ ސިޔާސީ ނުފޫޒު ކަމަށް ގިނަ ބަޔަކު ދެކެވެ. އެކުންފުނި ސަލާމަތް ކުރުމަށް 2017 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބަޔަކު ކަނޑައަޅައި މިހާތަނަށް 8 ބިލިއަން ޔޫރޯ ހޭދަ ކުރިކަމަށްވެއެވެ. ނަމަވެސް އެންމެ ފަހުން ސަރުކާރުން ނިންމީ އެކުންފުނި ވިއްކުމަށެވެ. ނަމަވެސް ކޯވިޑާއި އެކު އެއަރލައިންތަކަށްވި ގެއްލުންތައް ބެލުމަށް ފަހު އެޤައުމުގެ ސަރުކާރުން ނިންމީ އަލިޓާލިއާ ދޫކޮށް މުޅިން އާކުންފުންޏެއް އުފެއްދުމަށެވެ.
އައިޓީއޭ ފަށާފައިވަނީ ކުރިއަށް އޮތް 3 އަހަރު އިޓަލީ ސަރުކާރުން 1.35 ބިލިއަން ޔޫރޯ އިންވެސްޓު ކުރާ ގޮތަށެވެ. ކުންފުނި އުފެއްދުމަށް ޔޫރަޕިއަން ކޮމިޝަނާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އައު ކުންފުންފުނި އަލިޓާލިއާގެ ގެއްލުންތަކުގެ ތާރީޚު ދޫކޮށް 2025 ވަނަ އަހަރާއި ހަމައަށް ފައިދާވާން ފަށަން ޖެހެއެވެ.
އައިޓީއޭ ފަށާފައިވަނީ 52 ޖެޓާއި 110 ފްލައިޓާއި 2800 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެކުއެވެ. އަލިޓާލިއާ އުވާލެވިގެން ދިޔަ އިރު އެކުންފުނީގައި 7000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައެވެ. އެކުންފުނި އުވާލީ 2022 ވަނަ އަހަރު ނިމެންދެން މުވައްޒަފުންނަށް ބަދަލު ދޭނެ ކަމަށް އެއްބަސްވެގެންނެވެ. އެކުންފުނި އުވާލުމާއި ގުޅިގެން އެކުންފުނީގެ މުވައްޒަފުން ވަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.