ދުނިޔޭގެ ވިޔަފާރި

ފޭސްބުކް ކުންފުނީގެ ނަން ބަދަލުކުރަނީ


ހަމައެކަނި ސޯޝަލް މީޑިއާ ކުންފުންޏެއްގެ ގޮތުގައި ފޭސްބުކް ލޭބަލްވެފައި އޮންނަ އޮތުން ބަދަލު ކުރުމަށް، އެކުންފުނީގެ ނަން ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ފޭސްބުކްގެ ނަން ބަދަލުކުރުމަށް ނިންމާފައިވާކަން ހާމަކޮށް ޓެކްނޮލޮޖީ ދާއިރާގެ މައުލޫމާތު ގެނެސްދޭ ވާޖް ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ނިންމުން އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޭސްބުކްގެ އަހަރީ ކަނެކްޓް ކޮންފަރެންސްގައި ހާމަކުރާނެއެވެ. މި ނިންމުމާއިއެކު، ފޭސްބުކް ކުންފުނީގެ މައި އެޕްލިލޭޝަންކަމަށްވާ ފޭސްބުކްގެ ނަމަކަށް ބަދަލެއް ނާންނެއެވެ. ނަމަވެސް މައި، ކުންފުނި ފޭސްބުކް އިންކޯޕަރޭޓެޑްގެ ނަން ބަދަލުވާނެއެވެ. މިއާއެކު އެކުންފުނީގެ އެހެން މަޝްރޫޢުތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމާއި ވަކިކުރަން ފުރުސަތު ހުޅުވިގެން ދާނެއެވެ.

މިކަމުގެ މަޢުލޫމާތު އެނގޭ ފަރާތަކާއި ހަވާލާދީ ވާޖް ނޫހުގައި ބުނެފައިވަނީ، ކުރިއަށްއޮތް ދުވަސްތަކުގައި އިންޓަނެޓު ބަދަލުވެގެން ދާނީ، މަސްނުވީ މާޙައުލަކަށް ނުވަތަ "މެޓަވާސް"އަށް ކަމަށެވެ.

މާކް ޒަކަބާގު ވަނީ މީގެ ކުރީންވެސް މިފަދަ ބަދަލަކަށް އެކުންފުނި އަމާޒު ހިފާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް އަހަރުތަކުގައި އެކުންފުނި ސޯޝަލް މީޑިއާ ކުންފުންޏަކަށް ވުރެ ބޮޑަށް ވެގެންދާނީ މެޓަވާސް ކުންފުންޏަކަށްކަމަށް އޭނާ ވާޖްއަށް ދިން ބަސްތީގަތުމެއްގައި ބުނެފައިވެއެވެ.

ނަމަވެސް އެކުންފުނީގެ "މެޓަވާސް" މަސައްކަތް ކުރާނެ ގޮތް މިވަގުތު ސާފު ނުވި ކަމުގައިވިއަސް ކުންފުނިން ދަނީ މި ޕްރޮޑަކްޓު ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް އޯގްމެންޓެޑް ރިއަލިޓީ އާއި ވާޗުއަލް ރިއަލިޓީ ދާއިރާއިން އެންމެ ފުޅާ ދާއިރާއެއްގައި ދިރާސާ ކުރާ ކުންފުންޏަކަށް އެކުންފުނި ވާނެއެވެ. އަދި ފޭސްބުކް އެޕްލިކޭޝަންގެ ވާޗުއަލް ރިއަލިޓީ ވާޝަނެއް އެކުންފުނިން ތަރައްޤީ ކުރާތާވެސް އަހަރުތަކެއް ވެއްޖެއެވެ. އަދި ބެލެވޭ ގޮތުގައި މިއީ ފޭސްބުކުގެ މަސްނުވީ މާހައުލަށް ވާނެ އެޕްލިކޭޝަނެކެވެ. މިއެޕްލިކޭޝަނަށް މިވަގުތު ކިޔަނީ ހޮރައިޒަން ވޯލްޑްއެވެ.

މިފަދަ ބަދަލުތަކެއް ފޭސްބުކްއިން ގެންނަން ނިންމާފައިވާއިރު އެކުންފުންޏަށް މިހާރު ދަނީ ދުނިޔޭ އެކި ސަރަހައްދުތަކުގެ ރެގިއުލޭޓަރުންގެ ނުރުހުން ލިބެމުންނެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ފޭސްބުކް އެޕްލިކޭޝަންގެ ނޭދެވޭ އަސަރު ފުރާވަރު ކުދިންނަށް ކުރާކަން އެކުންފުންޏަށް އެނގުމުންވެސް އެއްވެސް ފިޔަވަޅެއް ނާޅާކަން ރިޕޯޓަކުން ހާމަވުމުންނެވެ.

މީގެ ކުރީން މަޝްހޫރު ގޫގުލްއިންވެސް ވަނީ އަލްފަބެޓްގެ ނަމުގައި ކުންފުންޏެއް އުފައްދައި ކުންފުނީގެ އެތެރޭގެ ހިންގުމަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެއީވެސް އެކުންފުނީގެ މަޝްހޫރު ސާޗް އިންޖީންގެ ނަމާއި ދުރުވެ އެހެން ދާއިރާތަކަށް ކުންފުނި ވަނުމަށް ފުރުސަތު ފުޅާ ކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.