ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ މައި ކުންފުނީގެ ހައިސިއްޔަތުން ވިޒިޓް މޯލްޑިވްސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފަތުރުވެރިންނަށް ރާއްޖެ ޕްރޮމޯޓްކުރެވޭނެ ތަފާތު ގޮތްތައް ހޯދައި އެގޮތްގޮތަށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ވިޒިޓް މޯލްޑިވްސްއިން އަންނަނީ ކުރަމުންނެވެ.
މި ދަތުރުގައި ވިޒިޓް މޯލްޑިވްސްއިން އަނެއްކާވެސް މިވަނީ މުޅިން އައު ކަމެއް ފަށާފައެވެ. ރާއްޖޭގެ ބޯދާ ވާހަކަތައް ފަތުރުވެރިންނާއި ހަމައަށް ގެނެސްދީގެން އެވާހަކަތައް ބުނެދީގެން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތެވެ. ވިޒިޓް މޯލްޑިވްސްއިން މިހާރު ވަނީ ރާއްޖޭގެ ގަދީމީ އަދި އިހުގެ ރާއްޖޭގެ ތާރީހީ ވާހަކަތައް ފަތުރުވެރިންނަށް ކިޔާދީ ރާއްޖެ ޕްރޮމޯޓްކުރުމަށް "ޓޭލްސް އޮފް މޯލްޑިވްސް" ގެ ނަމުގައި ޙާއްސަ ކެންޕެއިނެއް ލޯންޗްކޮށްފައެވެ.
"ޓޭލްސް އޮފް މޯލްޑިވްސް"ގެ ދަށުން ރާއްޖޭގެ ތާރީހީ އަދި ބޯދާ 9 ވާހަކައެއް ވިޒިޓް މޯލްޑިވްސްއިން ވަނީ ގެނެސްދީފައެވެ. އޭގެތެރޭގައި ރާއްޖޭގެ ޤައުމީ ގަސްކަމަށްވާ ދިވެހި ރުއް ރާއްޖެއަށް ތައާރަފްވެގެން އައި ގޮތާއި، ރާއްޖޭގައި ސަންގު ބޭނުންކުރާ ގޮތާއި ސަންގާއި ގުޅުންހުރި މުހިންމު މައުލޫމާތުތަކާއި، ރާއްޖޭގައި ކުރިންސުރެ ނުރައްކަލެއް ކުރިމަތިވުމުން އެކަމުން ސަލާމަތްވުމަށް ހަދާ އުޅޭ ފަންޑިތަވެރިކަމާއި، ރާއްޖޭގެ ލޯބީގެ ލާމަސީލު ނަމޫނާއެއްކަމަށްވާ ދޮންހިޔަލައާއި އަލިފުޅުގެ ވާހަކަ ވަރަށް ތަފްސީލީ ގޮތެއްގައި ވަނީ ގެނެސްދީފައެވެ. ދޮންހިޔަލައާއި އަލިފުޅުގެ ވާހަކަ ގެނެސްދީފައިވާއިރު ރާއްޖެއަކީ ހަނީމޫން އަދި ލޯބިވެރިންގެ މެދުގައި މަޤްބޫލު މަންޒިލެކެވެ.
މީގެއިތުރުންވެސް "ޓޭލްސް އޮފް މޯލްޑިވްސް"ގެ ތެރެއިން ވިޒިޓް މޯލްޑިވްސްއިން ވަނީ ފަތުރުވެރިންނާއި ހަމައަށް ޒަމާނުއްސުރެ ރާއްޖޭގެ ރައްޔިތުންގެ މެދުގައިއޮތް އެއްބައިވަންތަކަން ގެނެސްދީފައެވެ. އެކަކަށް ދިމާވާ ކަމެއްގައި އަނެކަކު އެއްބާރުލުން ދޭކަން ވަރަށް ރީތިކޮށް މި ވާހަކައިގެ ތެރެއިން ވަނީ ގެނެސްދީފައެވެ.
ރާއްޖެއަށް ބައެއް ކަންކަން ތައާރަފްވެގެން އައިގޮތްވެސް ވިޒިޓް މޯލްޑިވްސްއިން ވަނީ ގެނެސްދީފައެވެ. އެގޮތުން ރާއްޖޭގައި ޑައިވިންގ ފެށިގެން އައިގޮތާއި ދިވެހިންގެ ދިރިއުޅުމުގައި ކަނޑުމަސް ބޭނުންކުރަން ފެށުނު ގޮތް ވިޒިޓް މޯލްޑިވްސްގެ މި ކެންޕެއިންގެ ތެރެއިން ވަނީ ފަތުރުވެރިންނާއި ހަމައަށް ގެނެސްދީފައެވެ. މީގެއިތުރުންވެސް މި ކެންޕެއިންގެ ތެރެއިން ބޮޑުމަސް މީހާގެ ވާހަކައާއި، ކޮއިމަލާގެ ވާހަކަ ވިޒިޓް މޯލްޑިވްސްއިން ވަނީ ގެނެސްދީފައެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ މިއީ ރާއްޖެ ޕްރޮމޯޓްކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތަކަށް ވެގެންދާނެކަމަށެވެ. ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތުގެ ތެރެއިން އެ ކުންފުނިން މަސައްކަތްކުރަމުންދަނީ އަބަދުވެސް ތަފާތު ގޮތްގޮތަށް ރާއްޖެ އިޝްތިހާރުކުރެވޭތޯކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.