އިނގިރޭސި ވިލާތުގެ އާންމު ވިޔަފާރިތައް ޖެހިޖެހިގެން 5 ވަނަ މަހު ދަށަށް ގޮސްފައިވާ ކަމަށް އެޤައުމުގެ ތަފާސް ހިސާބާއި ބެހޭ އޮފީހުން ހާމަކޮށްފިއެވެ.
އިނގިރޭސި ވިލާތުގެ ތަފާސް ހިސާބާއި ބެހޭ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ވިޔަފާރި މިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް %0.2 ވަނީ ދަށަށް ގޮސްފައެވެ. އަދި އޭގެ ކުރީން އޮގަސްޓު މަހު މިއަދަދު %0.6 ދަށަށް ދިޔަކަން އިނގިރޭސި ތަފާސް ހިސާބުތަކާއި ބެހޭ އޮފީހުން ފާހަގަ ކުރެއެވެ. އިނގިރޭސި އާންމު ވިޔަފާރި މިހާ ބޮޑަށް ދަށްވެފައި މިވަނީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ވެސް ލުއި ދީފައި ވަނިކޮށް ކަމަށް އިނގިރޭސިވިލާތުގެ ނޫސްތަކުން ބުނެއެވެ.
އިނގިރޭސި އިޤްތިޞާދު ދިރާސާ ކުރައްވާ އިޤްތިޞާދީ މާހިރުން ފާހަގަ ކުރާ ގޮތުގައި، މިއީ 1996 ގެ ފަހުން އާންމު ވިޔަފާރި މިގޮތަށް ޖެހިޖެހިގެން ވެއްޓެމުން ދިޔަ ފުރަތަމަ ފަހަރެވެ. ނަމަވެސް އަދި އަދަދުތައް ހުރި މިންވަރަށް ބަލާއިރު، ކޯވިޑު ކުރީގެ ހާލަތުގެ އަދަދުތަކާއި މާ ބޮޑު ތަފާތެއް ނެތްކަން އެފަރާތްތަކުން ފާހަގަ ކުރެއެވެ.
މިގޮތުން އެންމެ ބޮޑަށް ވިޔަފާރި ދަށްވެގެން ގޮސްފައިވަނީ، ކާބޯތަކެތި ނޫން އެހެން ސާމާނު ވިއްކާ ވިޔަފާރިތަކެވެ. މީގެ އިތުރަށް ކާބޯތަކެތި ވިއްކާ ފިހާރަތަކުގެ ވިޔަފާރިވެސް އާންމު މިންވަރާއި ބަލާ ދަށަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް ތެލުގެ ވިޔަފާރިތަކުގެ އާމްދަނީ ދަށަށް ނުދާ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ހާމަކުރެއެވެ. އެގޮތުން ކޯވިޑުގެ ކުރީން އޮތް ހާލަތަށް ވުރެވެސް ކުރިއަށް ތެލުގެ ވިޔަފާރި ދުވާލަކަށް ޖެހޭ މިންވަރު ކުރިއަރައި ގޮސްފައިވާކަމަށް އެވިޔަފާރިތަކާއި ހަވާލާދީ އިނގިރޭސި ތަފާސް ހިސާބާއި ބެހޭ އޮފީހުން ހާމަކުރެއެވެ.
އިނގިރޭސި އިޤްތިޞާދު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، އާންމު ވިޔަފާރި ދަށަށް ދިޔަނަމަވެސް އޮންލައިން ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ވަނީ އައިސްފައެވެ. އެގޮތުން މިދޔަ މަސްތަކުގެ ތެރޭގައި އޮންލައިން ވިޔަފާރި ކޮންމެ މަހަކުވެސް ދިޔައީ ކުރިއަށް ޖެހެމުންނެވެ. މިޔާއެކު ޑިޕާޓްމަންޓް ސްޓޯރ ވިޔަފާރިވެސް ކުރިއާ އަޅައިބަލާއިރު %4.3 ކުރިއަށް ޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓުތަށް ބުނެއެވެ. ނަމަވެސް މިިފަދަ ވިޔަފާރިތަކުގައިވެސް މީހުން ވަގުތު ހޭދަ ކުރާ މިންވަރު ވަރަށް ބޮޑަށް ދައްވެފައިވާ ކަން އެފަރާތްތަކުންވެސް ފާހަގަ ކުރެއެވެ.
އިނގިރޭސި ރީޓެއިލް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ އިނގިރޭސި ސަރުކާރުން މި ވިޔަފާރިތަކަށް އެހީތެރިވުމަށް ގޮވާލާފައެވެ. އެގޮތުން މިހާރު ނަގަމުން އަންނަ ކުލި ކުޑަކޮށް އިޤްތިޞާދު ހަމައަކަށް އެޅުވުމަށް އެހީތެރިކަން ބޭނުންވާ ކަމަށް އެފަރާތުން ފާހަގަ ކުރެއެވެ.