ދުނިޔޭގެ ވިޔަފާރި

ކެނެޑާގެ ވެކްސިނޭޝަން ރޭޓު މަތިވުމާއެކު އެއަރ ކެނެޑާ މުވައްޒަފުން އަނބުރާ އޮފީހަށް


އެއަރ ކެނެޑާގެ އިދާރީ މުވައްޒަފުން އަންނަ ނޮވެމްބަރު މަހު 15 އިން ފެށިގެން އޮފީހަށް ނިކުންނަ ގޮތަށް އެކުންފުނިން ހަމަޖައްސައިފިއެވެ.

އެއަރ ކެނެޑާ ކުންފުންޏާއި ހަވާލާދީ ބްލޫމްބާގުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެކުންފުނީގެ މުވައްޒަފުން އަނބުރާ އޮފީހަށް ނިކުންނަ އިރު ވެކްސިން ފުރިހަމަ ކުރަން ޖެހޭނެއެވެ. މިއީ ކެނެޑާގައި ކޯވިޑް ފެތުރޭ މިންވަރު ދަށްވެ ޤައުމުގެ އާބާދީއަށް ވެކްސިން ދެވިފައިވާ މިންވަރު އިތުރުވުމުން ނިންމި ނިންމުމެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެކުންފުނިން ބުނެފައިވަނީ އެކުންފުނިން މުވައްޒަފުން ނެރޭނީ ވޯކް ފްރޮމް ހޯމް އާއި އޮފީސް ގަޑިތައް ބެލެންސްވާ ގޮތަށް ކަމަށެވެ. އެގޮތުން ފުރަތަމަ މުވައްޒަފުން ނެރޭއިރު ބައެއް ދުވަސްތައް ވޯކް ފްރޮމް ހޯމްގައި ހަމަޖެހިފައިވާއިރު ހަފްތާގެ ބާކީ ދުވަސްތަކުގައި އޮފީހަށް ނިކުންނަށް ޖެހެއެވެ.

އެއަރ ކެނެޑާގެ ކުންފުނިންވަނީ މުވައްޒަފުން އޮފީސް މާހައުލުގައި އަދި އޮފީހުން ބޭރުގައިވެސް މާސްކު އަޅައިގެން އުޅުމަށް ވަރަށް ބޮޑަށް ބާރު އަޅާނެކަން ހާމަކޮށްފައެވެ.

ކެނެޑާގައި ކޯވިޑު ފެތުރޭ މިންވަރު ބޮޑުތަނުން ދަށްވެފައިވާއިރު އެޤައުމުގެ އާބާދީގެ %74 ވަނީ ވެކްސިން ފުރިހަމަ ކޮށްފައި ކަމަށް އެޤައުމުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން އެއަރ ކެނެޑާގެ އޮފީސްތައް ޤާއިމު ކުރެވިފައިވާ ކިއުބެކްގެ އާބާދީގެވެސް %78 ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެއަރ ކެނެޑާ އަކީ ކޯވިޑުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރި އެއް އެއަރލައިނެވެ. އެއަރލައިންގެ ދަތުރުތައް ހުއްޓި ކުންފުންޏަށް ގެއްލުންވުމާއެކު އެކުންފުނިން މިއަހަރުގެ ފެބްރުއަރީ މަހުވެސް 1500 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވެއެވެ.