ކުޅިވަރު

ކުލަބް މޯލްޑިވްސް ކަޕްގެ ގުރުލުން މިރޭ


ރާއްޖޭގެ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތްކަމަށްވާ ކުލަބް މޯލްޑިވްސް ކަޕްގެ ގުރުއަތުލުން މިރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. ސަރުކާރު އޮފީސްތަކަށް އަމާޒްކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގުރުލުން މިރޭ ޕީއެސްއެމްގެ ޔެސް ޓީވީއިން ނުވައެއް ޖަހާއިރު ލައިވް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ ޤަވާއިދުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ބޭއްވޭ ގޮތްނުވީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާ މުބާރާތެއް ބޭއްވޭނެ ފަދަ މަހައުލެއް ނުލިބިގެންނެވެ. އަދި ކުލަބް މޯލްޑިވްސްއިން ވަނީ ދެ ފަހަރު މުބާރާތް ބޭއްވުމަށް ތާވަލްކޮށް، ފަސްކޮށްފައެވެ.

ކުލަބް މޯލްޑިވްސްއިން އާންމުކޮށް ބައިވެރިވާ 40 ޓީމުގެ ބަދަލުގައި ޓީމުތައް ގިނަ ކުރުމަށް އެފަރާތުން ވިސްނަމުން ދިޔަނަމަވެސް ކޯވިޑް-19އާއި ގުޅިގެން ދިމާވި ދަތިތަކާއެކު އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ކުލަބް މޯލްޑިވްސްގައިވެސް ބައިވެރިވާނީ 40 ޓީމެވެ. އެއީ ފިރިހެން 32 ޓީމު އާއި އަންހެން 8 ޓީމެވެ.

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ގުރުލާއިރު، މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޑިވިޝަންގެ ޓީމުތައްވަނީ 4 ޕޮޓަކަށް ބަހާލާފައެވެ. މިގޮތަށް ޕޮޓްތަކަށް ޓީމުތައް ބަހާލީ ހުރިހާ ވަރުގަދަ ޓީމްތައް އެއް ގުރޫޕަކަށް ނުދާގޮތް ހެދުމަށެވެ. ފުރަތަމަ ޕޮޓުގައި ހިމެނީ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލާއި ރަނަރަޕް ކްލަބް ވެމްކޯ އަދި ސެމީ ފައިނަލުގައި ކުޅުނު ކްލަބް އިމިގްރޭޝަނާއި އުރީދޫގެ އިތުރުން، ކުއާޓާ ފައިނަލުގައި ކުޅުނު ޕްރިޒަން ކްލަބާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބް އަދި އެމްޕީއެލްއެވެ. އަދި ޕޮލިސް ކްލަބް ވެސް ހިމެނެނީ ފުރަތަމަ ޕޮޓުގައެވެ.

ދެވަނަ ޕޮޓުގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބް، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް، ކްލަބް އެޗްޑީސީ، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބް އަދި ކްލަބް އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑުގެ އިތުރުން ގުރޫޕް ސްޓޭޖުގައި ވާދަކުރި އެމްޓީސީސީ އާއި އެލައިޑެވެ.

ތިންވަނަ ޕޮޓުގައި ހިމެނެނީ ޓްރޭޑް ކްލަބް، ޓީމް ފެނަކަ، ފެން ކްލަބް، ޓީމް އެފްއެސްއެމް، އެމްއެމްއޭ ސޯޝަލް ކްލަބް، ސިވިލް ކޯޓު، މީޑިއާ ނެޓް އަދި ޔޫތު މިނިސްޓްރީ ކްލަބެވެ.

ހަތަރުވަނަ ޕޮޓުގައި ހިމެނެނީ 2019ވަނަ އަހަރުގެ މުބާރާތުގައި ވާދަނުކުރާ ޓީމުތަކެވެ. އެއީ މާލެ ސިޓީ ކައުންސިލް، ކްލަބް 220 (ޕީޖީ އޮފީސް)، ރާއްޖެ އޮންލައިން، ޓީމް ޕްލޭނިން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވް ގޭސް، އެމްއޭސީއެލް އަދި ހުޅުމާލެ ހޮސްޕިޓަލެވެ.

އަންހެން ޑިވިޝަނުގައި ހިމެނޭ އަށް ޓީމު ރޭންކު ކުރުމަށް ފަހު ބަހާލާފައި ވަނީ ތިން ޕޮޓަށެވެ. އަންހެން ޑިވިޝަނުގެ ފުރަތަމަ ޕޮޓުގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އާއި ރަނަރަޕް ޕޮލިސް ކުލަބެވެ. ދެވަނަ ޕޮޓުގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި ފެނަކައެވެ. ތިންވަނަ ޕޮޓުގައި ހިމެނެނީ ޓްރޭޑް ކްލަބާއި ކްލަބް ވެމްކޯގެ އިތުރުން މާލެ ސިޓީ ކައުންސިލާއި ޔޫތު މިނިސްޓްރީ ކްލަބެވެ.

ކުލަބް މޯލްޑިވްސް ކަޕަށް ކޮންމެ އަހަރަކުވެސް ސަރުކާރުގެ އޮފީސްތަކުން ވަރަށް ބޮޑަށް ތައްޔާރުވެއެވެ. އަދި ވަރަށް ދުރާލާ މުބާރާތަށް ތައްޔާރުވުމަށް ފަރިތަކުރުންތައްވެސް ފަށައެވެ. އެގޮތުން މިއަހަރުވެސް ކުލަބް މޯލްޑިވްސް ކަޕަށް ތައްޔާރުވުމަށް އޮފީސްތަކުން، އޮފީސްތަކުގެ އެތެރޭގެ މުބާރާތްތައް ބާއްވާ ޓީމްތައްވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.