ސަޕްލައި ޗެއިންއަށް އެރި ލޮޅުންތަކާއެކު އައިކިއާގެ މުދަލުގެ އަގު އުފުލިގެންދާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ގޭތެރޭގައި ބޭނުންކުރާ ސާމާނު ވިއްކުމަށް މަޝްހޫރު އައިކިއާގެ މުދަލުގެ އަގު އުފުލިގެންދާނެކަމަށް ބީބީސީގައި ރިޕޯޓުކޮށްފައިވަނީ އެކުންފުނީގެ މާލީ ރިޕޯޓުތަކާއި ހަވާލާދީއެވެ. އެގޮތުން މިއަހަރު އެކުންފުންޏަށް ފައިދާ ލިބުނު މިންވަރު ވަނީ ދަށްވެގެން ގޮސްފައެވެ.
ސްވިޑެންއަށް ނިސްބަތްވާ އައިކިއާ ކުންފުނިން ފައިދާ ހޯދަނީ އެކުންފުނީގެ އެކި އުފެއްދުންތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ރީޓެއިލްކޮށްގެންނެވެ. އެކުންފުނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ސެޕްޓެމްބަރާއި ހަމައަށް އެކުންފުންޏަށް ލިބުނު ފައިދާ %16 ވަނީ ދަށްވެފައެވެ. މިއީ 1.4 ބިލިއަން ޔޫރޯކަމަށް ބީބީސީން ބުނެއެވެ. މިދިޔަ އަހަރު މި އަދަދު ދަށްވީ އެންމެ %4 ކަމަށްވެއެވެ.
އައިކީއާއިން ހަވާލާދީ ބީބީސީން ބުނި ގޮތުގައި، މިއަހަރު އެންމެ ބޮޑު ގޮންޖެހުމެއް ދިމާވީ ބޭނުންވާ ތަކެތި ހޯދުމާއި ސްޓޯރޭޖް ކަމަށެވެ. އަދި ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ގޮންޖެހުންތަކާއި ކުރިމަތިވިއެވެ. މިކަމުގެ އަސަރު 2022 ވަނަ އަހަރަށްވެސް ކުރާނެކަމަށް ލަފާ ކުރެވޭކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އައިކީއާއިން މިވޭތުވެދިޔަ އަހަރު އަގު ބޮޑުކޮށް ތަކެތި ލިބުނު ކަމުގައިވީނަމަވެސް އެތަކެތި ހެޔޮއަގުގައި ވަނީ ރީޓެއިލް ފިހާރަތަކަށް ފޯރުކޮށްދީފައެވެ. ނަމަވެސް މި ކުރިއަށްއޮތް އަހަރު ތެރޭ ހުރިހާ މުދަލެއް ވެސް ފޯރުކޮށްދޭނީ ހަމަ އަގުގައިކަމަށް އެކުންފުނިން ބުނެއެވެ. އެހެންކަމުން ވިއްކާ މުދަލުގެ އަގު އުފުލުން އެކަށީގެންވެއެވެ. އަދި މުދާ އުފުލުމުގެ ގޮންޖެހުންތަކާއެކު ޝިޕިންގ ކެޕޭސިޓީ އިތުރުކުރުމަށް ބޮޑު ޙަރަދެއް އެކުންފުނިން ކުރަން ޖެހުނެވެ.
އެކުންފުނީގެ ސީއެފްއޯ މާޓީން ވެންޑޭމް ބުނިގޮތުގައި އެކުންފުނިން ސްޓޯރުތަކަށް ފޮނުވާ ތަކެތީގެ އަގު އުފުލު ނަމަވެސް، އެ ބަދަލެއް ގެނައުމުގެ އެންމެ ފަހުގެ ނިންމުން ދޫކުރާނީ ވަކިވަކި ސްޓޯރުތަކަށް ކަމަށެވެ. އެހެންކަމުން މިހާރުވެސް ހުރި އަގުގައި ބައެއް ތަންތަނުން ތަކެތި ލިބުމުގެ ފުރުސަތު އޮންނާނެކަން އޭނާ ފާހަގަކުރިއެވެ.