ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު 30 އިންސައްތަ މައްޗަށް!


ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު މިވޭތުވެދިޔަ 10 އަހަރުތެރޭގައިވެސް މައްޗަށް ނުދާ ވަރަށް މައްޗަށް ގޮސްފައިވާކަމަށް އ.ދގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން، އެފްއޭއޯއިން ބުނެފިއެވެ.

އެ ޖަމާޢަތުގެ ފުޑް ޕްރައިސް އިންޑެކްސް ރިޕޯޓު ދައްކާގޮތުން ވޭތުވެދިޔަ އަހަރު އެކަނިވެސް ކާބޯތަކެތީގެ އަގު، %30 މައްޗަށް ވަނީ ޖެހިފައެވެ. އަދި ހަމައެކަނި ސެޕްޓެމްބަރުން އޮކްޓޯބަރުމަހަށް އެކަނިވެސް 3 އިންސައްތަ މައްޗަށް ޖެހިފައިވާކަމަށް އެއިދާރާއިން ވިދާޅުވެއެވެ. މިއަދަދު މިހާރު ހުރި މިންވަރަށް މައްޗަށް އެންމެ ފަހުން ޖެހިފައިވަނީ 2011 ވަނަ އަހަރު ޖުލައި މަހުގައި ކަމަށް އެ ޖަމާޢަތުން ބުނެއެވެ.

މިރިޕޯޓުގައި ވަކި ބާވަތްތަކުން އަގުތައް ދުނިޔޭގެ ބާޒާރުގައި އުފުލިފައިވާ މިންވަރަށް ވަނީ އަލިއަޅުވާފައެވެ. މިގޮތުން ގޮދަން ފަދަ ބޮޑު ސަރަހައްދެއްގައި ހައްދާ ބާވައްތަކުގެ އަގު 5 އިންސައްތަ މައްޗަށް އޮކްޓޯބަރުމަހު ވަނީ ޖެހިފައެވެ. މީގެ އެއް ސަބަބަކީ އުފެއްދުންތެރިކަން ދައްވެ، އެމެރިކާ، ރަޝިއާ އަދި ކެނެޑާ ފަދަ ބޮޑެތި ޤައުމުތަކުން މި ބާވަތްތައް ބޭރުކުރާ މިންވަރު ދަށްވުމުންނެވެ.

މީގެއިތުރުން ކައްކާ ތެލުގެ ބާވައްތަކުންވެސް 9 އިންސައްތަ މައްޗަށް އަގު ވަނީ އުފުލިފައެވެ. މިއީ ތަރުކާރީގެ އުފެެއްދުންތެރިކަން ދުނިޔޭގެ ކަންކޮޅުތަކުގައި ދަށްވެގެން ދިއުމުގެ ސަބަބުންކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން ދުނިޔޭގެ ބާޒާރަށް މި ބާވަތްތައް އެންމެ ގިނައިން ބޭރު ކުރާ އެއް ޤައުމު ކަމަށްވާ މެލޭޝިއާގައި ބިދޭސީ މަސައްކަތްތެރިން މަދުވުމުން އުފެއްދުންތެރިކަމަށް އެކަމުގެ ނޭދެވޭ އަސަރެއް ކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގެ ބާޒާރުގައި ކިރުގެ ބާވަތްތަކާއި އެކި ބާވަތްތަކުގެ މަހުގެ އަގުވެސް ވަނީ މިފަހަރު އުފުލިގެން ގޮސްފައެވެ. މިއާއި އެކު އާންމުކޮށް ގެންގުޅޭ ހުރިހާ ބާވަތަކުންވެސް އަގު އުފުލިފައިވާކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިޤްތިޞާދު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، ދުނިޔޭގެ ބާޒަރުގައި އަގުތައް މިހާވަރަށް މައްޗަށް ޖެހިލާފައި މިވަނީ ކޯވިޑުގެ ސަބަބުން ސަޕްލައިއަށް ކުރި އަސަރާއެކުއެވެ. މީގެއިތުރަށް ބައެއް ޤައުމުތަކުގެ އެތެރޭގެ ހާލަތު ގޯސްވުމާއިއެކު މައްސަލަ އިތުރަށް ގޯސްވެގެން ދިޔަކަމަށް ބައެއް ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ހަމަމިއާއެކު ބައެއް ޤައުމުތަކުގައި އެޤައުމަށް ބޭނުންވާ ވަރަށްވެސް ކާބޯތަކެތީގެ ބާވައްތައް ރައްކާކުރުމަށް ވަނީ ދަތިވެފައެވެ. އެގޮތުން އިންގިރޭސިވިލާތް ފަދަ ޤައުމުތަކުގެ ރެސްޓޯރެންޓު މެނޫތަކުން ބައެއް އައިޓަމްތައް ނަގާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި ޗައިނާގެ ކޮމާސް މިނިސްޓްރީން ޤައުމުގައި ފިނި މޫސުމާއި ދިމާކޮށް ރައްޔިތުންނަށް ބޭނުންވާ ވަރަށް ކާބޯތަކެތި ހުރިކަން ޔަޤީން ކުރުމަށް އެޤައުމުގެ އިދާރާތަކަށް ވަނީ އަންގާފައެވެ.

ދާދިފަހުން މިކަން އެންމެ ބޮޑަށް ފެނިގެން ދިޔަ އެއް ޤައުމަކީ އަވައްޓެރި ސްރީލަންކާއެވެ. އެޤައުމުގައި ކާބޯތެކެތި ފިހާރަތަކުން ހުސްވެ ރައްޔިތުންނަށް ލިބުން ދަތިވެގެން ދިޔައެވެ. މިއާއެކު ކާބޯތަކެތީގެ އަގު އެޤައުމުގައި އިންތިހާއަށް މައްޗަށް އުފުލިގެން ދިޔަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.