ދުނިޔޭގެ ވިޔަފާރި

އެސްޓްރާ ޒެނެކާ ކުންފުންޏަށް ވެކްސިން ވިއްކައިގެން މިއަހަރު ފަހު ކުއާޓާގައި ފައިދާ ވާން ފަށާނެ


އިނގިރޭސިވިލާތުގެ ވެކްސިން ކުންފުނި އެސްޓްރާ ޒެނެކާއަށް މިއަހަރު ފަހު ކުއާޓާގައި ވެކްސިން ވިއްކައިގެން ފައިދާ ވާނެ ކަމަށް އެކުންފުނިން ލަފާކޮށްފިއެވެ.

އެކުންފުނިން މިގޮތަށް ލަފާ ކޮށްފައިވާއިރު، މިއަހަރު ފުރަތަމަ 9 މަަހުގެ ތަފާސް ހިސާބަށް ބަލާއިރު، އެކުންފުނިން 2.2 ބިލިއަން ޑޮލަރުގެ ވެކްސިން ވަނީ ވިއްކާފައެވެ. އަދި މިއާއެކު 3 ވަނަ ކުއާޓާގައި އެކަނިވެސް ވެކްސިން ވިއްކައިގެން އެކުންފުންޏަށް 1.05 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.

އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބިފައިވަނީ 25.4 ބިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު ކުންފުނީގެ އާމްދަނީ ވަނީ 63 އިންސައްތަ ދަށަށް ގޮސްފައެވެ. މިއަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.3 ބިލިއަން ޑޮލަރެވެ.

އިނގިރޭސިވިލާތުގެ އެންމެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރާ ޒެނެކާއިން ބުނީ އެކުންފުނިން ވެކްސިން ހަމަ އަގުގައި ފޯރުކޮށްދިނުމަށް ވެފައިވާ ވަޢުދު އަދިވެސް ދަމަހައްޓާނެ ކަމަށެވެ. އެގޮތުންތަރައްޤީވަމުން އަންނަ ޤައުމުތަކަށް މިހާރުވެސް ވެކްސިން ވިއްކަނީ ކުރިން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ފައިދާ ނުލާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ޤައުމުތަކުގެ ޤާބިލިއްޔަތު ކަމަށް ބަލާފައި އަގު ދަށް ކޮށްފައިވާ ކަމަށް އެކުންފުންޏާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެކުންފުންޏާއި ހަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުގައި ބުނެފައިވަނީ، އައު އެއްބަސްވުންތަކާއި އެކު މިއަހަރުގެ ފަހު ކުއާޓާގައި އެކުންފުނީގެ ފައިދާ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެސްޓްރާޒެނެކާ ކުންފުނިން ލަފާ ކުރާ ގޮތުގައި، އަންނަ އަހަރާއި މިއަހަރުގެ ފަހު ކުއާޓާގައި ކުންފުނީގެ ވެކްސިންއިން ފައިދާ ވާނެ ފަދަ އެއްބަސްވުންތަކެއް ލިބޭނެއެވެ.

ކުންފުނިން އައު އެއްބަސްވުންތައް ފައިދާ ހިމަނައިގެން ވިއްކަން ނިންމީ، ޕެންޑަމިކް ސްޓޭޖް މިހާރު ދިގުލައި ކޯވިޑް މިހާރު ވަކި ސަރަހައްދުތަކުގައި އޮތް އެއްޗެއް ގޮތުގައި ބަދަލުވެފައިވާތީ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިހާރު ބޭނުންވާނީ ބޫސްޓަރ ޑޯޒް ކަމަށް އެކުންފުނިން ދެކެއެވެ.

އެކުންފުނީގެ ޕާޓްނަރުންނާއިއެކު މިހާތަނަށް 170 ޤައުމަކަށް ވެކްސިން ފޯރުކޮށްދެވުނު ކަމަށް އެކުންފުނިން ބުނެއެވެ. އެސްޓްރާ ޒެނެކާ ވެކްސިން ގަތް ކުންފުނިތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ.