ދުނިޔޭގެ ވިޔަފާރި

ނެޓްފްލިކްސްގެ ގަދަ ދިހައެއް ބަލާ މިންގަނޑު ބަދަލުކޮށް އާ ވެބްސައިޓެއް!


ނެޓްފްލިކްސްގެ ގަދަ ދިހައެއްގައި ހިމެނޭ ކޮންޓެންޓާއެކު ވެބްސައިޓެއް ތަޢާރަފުކޮށްފިއެވެ.

ނެޓްފްލިކްސްގެ ގަދަ ދިހައެއްގައި ހިމެނޭ ކޮންޓެންޓާއެކު ވެބްސައިޓެއް ތަޢާރަފުކޮށްފައިވާއިރު އެކުންފުނީގެ އެޕްލިކޭޝަން މެދުވެރިކޮށް މީހުން އެކި އުފެއްދުންތައް ބަލާ މިންވަރު ހާމަކަން ބޮޑު ގޮތެއްގައި އާންމު ކުރަންވެސް ވަނީ ފަށާފައެވެ.

ނެޓްފްލިކްސްއިން ގެނައި ބަދަލާއިއެކު ނެޓްފްލިކްސްގެ ގަދަ ދިހައެއް ހޮވާ ގޮތް ވަރަށް ބޮޑަށް ސާފު ވެގެންދާނެކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މީގެ ކުރީން އެކުންފުނީގެ ކާމިޔާބީ މިނެކިރަނީ، ކޮންމެ ފިލްމެއް ނުވަތަ ސީރީސްއެއްގެ ފުރަތަމަ 2 މިނެޓު އެކައުންޓަކުން ބަލާ ކަމުގައި ވާނަމައެވެ. މިއީ ޔޫޓިއުބް ފަދަ ބޮޑެތި ޕްލެޓްފޯމް ތަކުގައިވެސް ވިއު ކައުންޓު ބަލާ މިންގަނޑެކެވެ. ނަމަވެސް ނެޓްފްލިކްސް އިން މީގެކުރީން ހަމަ އެކަނި ހާމަކުރަނީ ގަދަ ދިހައެއް ލިސްޓެކެވެ. އޭގެ އިތުރަށް އެއްވެސް މަޢުލޫމާތެއް އާންމު ނުކުރެއެވެ.

ނެޓްފްލިކްސްއިން ތަޢާރަފު ކުރި މި ވެބްސައިޓުގައި ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުން ފެށިގެން ޖެހިގެން އަންނަ ހަފްތާގެ އާދިއްތަ ދުވަހާ ހަމައަށް އެންމެ ގިނަ މީހުން ބަލާ އުފެއްދުންތައް އެނގެން ހުންނާނެއެވެ. މީގެ އިތުރުން އުފެއްދުންތައް މީހުން ބަލާ މިންވަރު މިހާރު ބަލާ މިނގަޑަށް ބަދަލު ގެނެސް، އެ އުފެއްދުމެއް ސްޓްރީމްކުރާ ވަގުތަށް ބަލާނެއެވެ.

އެހެން ކަމުން މިހާރު އެއްވަނައަށް ފިލްމެއް އަރާނީ އެ ފިލްމެއް އެއްކޮށް ބަލާ މީހުން ގިނަވީމައެވެ. މީގެ ކުރީން ފުރަތަމަ ދެ މިނެޓު ބެލިޔަސް ވިއު ކައުންޓު މައްޗަށް ދާނެއެވެ. މީގެ އިތުރުން ވެބްސައިޓު މެދުވެރިކޮށް އެހެން ބަސްތަކުގެ އުފެއްދުންތަކުގެ ގަދަ ދިހައެއް ވެސް ބެލޭނެއެވެ. އަދި ވަކި ޤައުމުތަކުގެ ގަދަ ދިހައެއްވެސް މި ވެބްސައިޓު މެދުވެރިކޮށް ބެލެއެވެ.

މިކަމާއި ގުޅޭގޮތުން ނެޓްފްލިކްސް ކޮންޓެންޓް ސްޓްރެޓެޖީ އާއި ގުޅޭ ނައިބް ރައީސް ޕަބްލޯ ޕެރޭޒް ޑި ރޮސޯ ވިދާޅުވީ، ސްޓްރީމް ކުރާ ޕްލެޓްފޯމެއްގައި ކާމިޔާބީގެ މިންގަނޑު ދެނެގަންނަން އުނދަގޫ ކަމަށެވެ. އެގޮތުން ފިލްމުތައް ކާމިޔާބު ވަނީ ވިއްކޭ ޓީކެޓަށް ކަމަށް ވިއަސް، ސްޓްރީމް ޕްލެޓްފޯމެއްގައި އެ ފިލްމުގެ ކާމިޔާބީ އެގޮތަށް މިނެ ހެދޭނެ ގޮތެއް ނެތް ކަމަށެވެ. އެހެން ކަމުން މި ނިންމުމަކީ އެ ކުންފުނީގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށާއި، މެންބަރުންނަށް ވަރަށް މުހިންމު ނިންމުމެއް ކަމަށް އޭނާ ބުންޏެވެ.

މި އަދަދުތަކަކީ އަދިވެސް ނެޓްފްލިކްސްއިން އަމިއްލައަށް ހާމަކުރާ އަދަދުތަކެއްކަމަށްވުމުން އަދަދުތަކުގެ ސައްޙަކަން ޔަޤީން ކުރުމަށް އުނދަގޫވާނެ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ. އެހެންނަމަވެސް މިއީ ކުރިން ނެޓްފްލިކްސްއިން ސިއްރުކޮށް ބަލަހައްޓަމުން އައި އަދަދުތަކަށްކަށްވުމުން ހާމަކަށް ބޮޑުކޮށް މިކަން ކުރަން ފެށުމަކީ މި ދާއިރާގެ އެހެން ޕްލެޓްފޯމްތަކަށްވެސް މިސާލަކަށް ވާނެކަމެއްކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ނެޓްފްލިކްސް އަކީ ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިންގް ކުންފުންޏެވެ. އެކުންފުނީގެ ޕްލެޓްފޯމް އަގު ދީގެން ބޭނުން ކުރާ 231 މިލިއަން މީހުން އުޅެއެވެ.