ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން އދ. ދަނގެތީގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވިދާޅުވީ، މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އެ ބޭންކުން މިހާރު އދ. އަތޮޅުގެ ދަނގެތި، ދިގުރަށް، މަހިބަދޫ އަދި މާމިގިލީގައި އޭޓީއެމް ސެންޓަރ މެދުވެރިކޮށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.
ދާދި ފަހުން ބީއެމްއެލްއިން ވަނީ މަހިބަދޫ ބްރާންޗުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަޕްގްރޭޑްކޮށް އަލުން ހުޅުވާފައެވެ. 20 އަތޮޅުގައި 35 ބްރާންޗް، 74 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 135 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.