ވިޔަފާރި

ރަޝިއާއިން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން


މިއަހަރުގެ މިހަތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ. ތަފާސްހިސާބުތަށް ދައްކާގޮތުން ރަޝިއާއަކީ ރާއްޖެއަށް މިހާރު 2ވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.

ޓޫރިޒަމް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު ނެރޭ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ރާއްޖެއަށް 202277 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %18އެވެ.

ރަޝިއާއަކީ ކޯވިޑަށްފަހު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވަމުން އަންނަ ފާހަގަކޮށްލެވޭ މާކެޓެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2019ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ރާއްޖެއަށް އައިސްފައިވަނީ 73081 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ޢަދަދަކީ 2019ވަނަ އަހަރާ އަޅާ ބަލާއިރު، %177 އިތުރު އަދަދެކެވެ.

ރަޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެފައި މިވަނީ އެ ޤައުމުގައި ރާއްޖެ ޕްރޮމޯޓްކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ މައި ކުންފުނި އެމްއެމްޕީއާރުސީން ވަނީ ރަޝިއާގައި ވަރުގަދަ ބޮޑެތި ކެމްޕެއިންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓަށް ބަލާއިރު، ލިސްޓުގެ އެއްވަނައިގައި އުޅެނީ އިންޑިއާއެވެ. ތަފާސްހިސާބުތަށް ދައްކާގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށްވަނީ 252551 ފަތުރުވެރިން އައިސްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %22.4އެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަށް ފަތުރުވެރިން އަންނަނީ ޖަރުމަނުވިލާތުންނެވެ. އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 81223 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.