ދުނިޔޭގެ ވިޔަފާރި

ސަރުކާރުގެ 1.2 ބިލިއަން ޑޮލަރުގެ އެހީ ޓެސްލާއިން ދޫކޮށްލައިފި


ސަރުކާރުތަކުން ދޭ ސަބްސިޑީތަކާއި ދެކޮޅުކަމަށް ބުނެ، ޔޫރަޕުގެ އިއްތިހާދުން ދިން 1.2 ބިލިއަން ޑޮލަރުގެ އެހީ ޓެސްލާއިން ދޫކޮށްލައިފިއެވެ.

ޓެސްލާއިން އެހީ ދޫކޮށްލާފައި ވަނީ، ޖަރުމަނުގެ ބްރެންޑަބާގުގައި އެކުންފުނިން ޤާއިމުކުރުމަށް ތައްޔާރުވަމުންދާ ބެޓަރީ ޕްލާންޓަށް ދިން އެހީއެކެވެ. ޔޫރަޕުގެ އިއްތިހާދުން މިއަހަރުގެ ޖެނުއަރީމަހު ނިންމި ނިންމުމެއްގައި ޓެސްލާއާއި ބީއެމްޑަބްލިއު ފަދަ ކުންފުނިތަކަށް ކަރަންޓު ބޭނުންކޮށްގެން ދުއްވާ ކާރު އުފެއްދުމަށް ހިއްވަރު ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމިއެވެ. މިއީ ދުނިޔޭގެ މިހާރު މި ދާއިރާގައި އެންމެ ކުރިއަރާފައިވާ ޗައިނާގެ ބާރު ކަނޑުވާލުމަށް އެ އިއްތިހާދުން އެޅި ފިޔަވަޅެކެވެ.

ޓެސްލާއިން މިގޮތަށް ނިންމުމާއި ގުޅޭގޮތުން އެކުންފުނީގެ ބާނީ އީލަން މަސްކު ޓުވިޓާގައި ބުނެފައިވަނީ އެކުންފުންޏަކީ އަބަދުވެސް ސަރުކާރު ސަބްސިޑީތަކާއި ދެކޮޅު ކުންފުންޏެއް ކަމަށެވެ. އެކުންފުނީގެ މި ނިންމުމަށް ގިނަ ބަޔަކު ދަނީ ތަޢުރީފު ކުރަމުންނެވެ. އެގޮތުން ޓެސްލާގެ މި ނިންމުމުގެ ސަބަބުން އެއްވެސް ބަޔަކަށް ބުރަ ނުވަ މިނިވަންކަމާއެކު ޓެސްލާއަށް މަސައްކަތް ކުރެވޭނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ޓެސްލާއިން މިގޮތަށް ނިންމާ މި އެހީތެރިކަމަށް އެދި ހުށަހެޅި ފޯމު އަނބުރާ ގެންގޮސްފައިވާކަން ބްރެންޑެންބާގުގެ އިކޮނޮމިކް މިނިސްޓްރީއަށާއި ޔޫރަޕުގެ އިއްތިހާދުގެ އިކޮނޮމިކް މިނިސްޓްރީއަށް ވަނީ އަންގާފައެވެ. މި އެހީގެ އިތުރަށް ސަރަހައްދީ ފަނޑިންގ މިމަޝްރޫޢަށް ހޯދުމަށް ޓެސްލާއިން މިދިޔަ އަހަރު ވަނީ ހުށަހަޅާފައެވެ. ނަމަވެސް މި ހުށަހެޅުން އެކުންފުނިން އަނބުރާ މިހާތަނަށް ނުގެންދާކަމަށް ބްރެންޑެންބާގުގެ އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ޓެސްލާއި އެހީ ދޫކޮށްލުމާއި ގުޅޭގޮތުން ރޮއިޓާސްއަށް މައުލޫމާތު ދެމުން އެކުންފުނީ އޮފިޝަލެއް ވިދާޅުވީ، ކުންފުނީގެ މިނިންމުމުގެ ސަބަބުން ބެޓަރީ ޕްލާންޓުގެ މަސައްކަތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ޕްލާންޓުގެ މަސައްކަތް ކުރިންވެސް ރޭވިފައި އޮތް ގޮތަށް ނިންމާލާނެކަމަށް އެކުންފުނިން ބުނެއެވެ.

ޖަރުމަނުގެ އިކޮނޮމިކް މިނިސްޓްރީން ލަފާކުރާ ގޮތުގައި، މި މަޝްރޫޢަށް ޓެސްލާއިން އަމިއްލައަށްވެސް 5 ބިލިއަން ޔޫރޯ ޙަރަދު ކުރެއެވެ. މީގެއިތުރަށް އެކުންފުނީގެ ބޭޓަރީ ޕްލާންޓާއެކު ކާރު އުފެއްދުމުގެ ކާރުޙާނާއެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތަކަށް މިހާރު އެޕްރޫވަލް ލިބެމުންދާކަމަށް ޖަރުމަނުގެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ބެޓްރީ ޕްލާންޓު މަޝްރޫޢަށް މިހާރު ތިމާވެއްޓާއި އަދި އެހެނިހެން ގޮތުން ވެދާނެ ގެއްލުންތަކާއި ބެހޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ސެޝަންތައް ނިމިފައިވާއިރު، އީލަން މަސްކު ވަނީ މިމަޝްރޫޢު އަހަރުގެ ފަހުކޮޅުގައި ފެށޭނެކަމަށް އުއްމީދުކުރާކަމަށް ބުނެފައެވެ.