ޚަބަރު

އޮމިކްރޯންއާ ގުޅިގެން ރާއްޖެއިން އަޅާނެ ފިޔަވަޅުތައް މިއަދު ނިންމަނީ


ކޯވިޑް19ގެ އައު ވޭރިއަންޓް "އޮމިކްރޯން"އާމެދު ކަންބޮޑުވާކަމަށާއި ވޭރިއަންޓުން ރައްކާތެރިކަމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކާމެދު މިއަދު މަޝްވަރާކުރެވިގޮތެއް ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ނުރައްކާތެރި އައު ވައްތަރެއް ދެކުނު އެފްރިކާއިން ފެނިފައިވާއިރު، މިއީ ކޯވިޑްގެ ކަންބޮޑުވާންޖެހޭ ބާވަތެއްގެ ވޭރިއަންޓެއްކަން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ.

ކޯވިޑުގެ އައު ވޭރިއަންޓް 'އޮމަކްރޯން'އާއެކު ޤައުމުތަކުގެ ބޯޑަރުތަކުގައި ފިޔަވަޅުތައް ވަރުގަދަކޮށް، ދެކުނު އެފްރިކާއަށް ދަތުރުކުރާ ފްލައިޓުތައް ހުއްޓުވަން ފަށާފައިވާއިރު، ދިވެހި ސަރުކާރުންވެސް މި ވޭރިއަންޓާއި ގުޅިގެން ކަންބޮޑުވާކަން ވަނީ ހާމަކުރައްވާފައެވެ.

މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައިސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވީ "އޮމަކްރޯން" ވޭރިއަންޓާމެދު ރާއްޖެއިން ކަންބޮޑުވާކަމަށެވެ. އަދި މި ނުރައްކާތެރި ވޭރިއަންޓުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ރާއްޖޭގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މިއަދު ބައްދަލުވުމެއް ބާއްވައި ގޮތްތަކެއް ނިންމާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑުން ރައްކާތެރިވުމަށްޓަކައި މިހާރު 50 އަހަރުން މަތީގެ މީހުންނަށް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހަމުންދާއިރު، ފޭށޭ ހަފްތާގައި ޞިއްޙީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާޢިރާގެ އިތުރުން، އެއަޕޯޓްތަކުގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ މުއްވައްޒަފުންނަށް ބޫސްޓަރ ޑޯޒްދޭން ފަށާނެކަން ހާމަކުރައްވާފައެވެ. އަދި އާންމު ރައްޔިތުންނަށް ޚާއްސަކޮށްގެން ބޫސްޓަރ ޑޯޒް ޖެހުމުގެ މަސައްކަތް މިފެށޭ ޑިސެމްބަރުމަހުގެ މެދުތެރޭގައި ފަށޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ވެކްސިންގެ ބޫސްޓަރޑޯޒް ޖަހަން ޝަރުތުހަމަވާ ހުރިހާ ފަރާތްތަކުން ވީހާވެސް އަވަހަށް ބޫސްޓާ ޑޯޒް ޖެހުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޯވިޑު އައު ވޭރިއަންޓު ފެނުނުކަން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ދެކުނު އެފްރިކާއިން މި ވޭރިއަންޓް ފެނުނުކަން އިއުލާން ކުރުމާއެކު ބުރާސްފަތިދުވަހު އިނގިރޭސިވިލާތުން ވަނީ 6 ޤައުމަކުން ފްލައިޓުތައް އައުން ހުއްޓުވާފައެވެ. އަދި ޔޫރަޕިއަން ޔޫނިއަންއިން ވަނީ ޔޫރަޕްގެ ޤައުމުތަކަށްވެސް ދެކުނު އެފްރިކާއިން އަންނަ ފްލައިޓުތައް ވަގުތީގޮތުން އައުން ހުއްޓާލުމަށް އެއްބަސްވެފައެވެ. ޔޫރަޕުގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް ވަނީ އެމެރިކާއަށް ދެކުނު އެފްރިކާގެ އިތުރުން އެފްރިކާގެ އިތުރު 7 ޤައުމަކުން ދަތުރުކުރުން މަނާ ކުރައްވާފައިވާކަން ހާމަކޮށްފައެވެ.