ޚަބަރު

ދިފާޢީ ކަންކަމުގައި އިންޑިއާއިން ދޭ އެއްބާރުލުން ބިނާވާނީ އިތުބާރާއި ފައިދާއަށް: މާރިޔާ


ދިފާޢީ ކަންކަމުގައި ރާއްޖެއާއި އިންޑިއާއިން، އެއް ޤައުމު އަނެއް ޤައުމަށްދޭ އެއްބާރުލުން ބިނާވެފައި އޮންނަނީ ހަމަހަމަކަމާއި، ދެ ޤައުމުގެ ފައިދާއާއި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަަށް އޮތް މުހިއްމު ބޭނުމުގެ މައްޗަށްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ އިންޑިޔާގެ އެޒިމަލާގައި ހުންނަ އޭޝިޔާގެ އެންމެ ބޮޑު ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވައި ދަސްވެނިވި 231 މިޑްޝިޕްމަނުންނާއި ކެޑޭޓުންނަށް މަރުޙަބާ ވިދާޅުވެފައެވެ. މިއީ ބޭރު ޤައުމެއްގެ ވަޒީރަކު، އޭޝިޔާގެ އެންމެ ބޮޑު ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް ޝަރަފުވެރި ޝަރަފުވެރިކޮށްދެއްވި ފުރަތަމަ ފަހަރެވެ.

ހޮނިހިރުދުވަހު ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާ ދެއްކެވި ވާހަކަފުޅުގައި، އެކަމަނާ ވަނީ، އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ޑިފެންސް ކޯޕަރޭޝަން ޕާރޓްނަރޝިޕްގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، ދިފާޢީ ކަންކަމުގައި ދެޤައުމުގެ އެއްބާރުލުން ބިނާވެފައި އޮންނަނީ ހަމަހަމަކަމާއި، އިތުބާރާއި، ދެފަރާތުގެ ފައިދާއާއި، ދެޤައުމާއި އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަަށް އޮތް މުހިއްމު ބޭނުމުގެ މައްޗަށްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އިންޑިއަން ނޭވަލް އެކެޑަމީ (އައި.އެން.އޭ)އިން ދަސްވެނިވި މިޑްޝިޕްމަނުންނާއި ކެޑޭޓުންނާ މުޚާތަބުކޮށް، މިނިސްޓަރ މާރިޔާ ވިދާޅުވީ، އައި.އެން.އޭ ފަދަ ޤަދަރުވެރި، ތާރީޚީ މުއައްސަސާއަކުން ލިބުނު ޢިލްމާއި ފަންނީ މަޢުލޫމާތާއި ލީޑަރޝިޕްގެ ހުނަރު ބޭނުންކުރަން ވާނީ، މިސަރަޙައްދުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޢަޒުމާއި ވިސްނުމުގައި ކަމަށެވެ. އަދި މިޒަމާނަކީ ދޭދޭ ޤައުމުތަމުގެ ސަލާމަތާއި ރައްކާތެރިކަމާ އެޤައުމުތައް ހިމެނޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ޒަމާންކަން ފާހަގަކުރައްވައި، މިނިސްޓަރ މާރިޔާ ވިދާޅުވީ، ހިތްވަރާއި ކެރުމާއެކު، ނޭވީ އޮފިސަރުން ކޮންމެ އޮޕަރޭޝަނަކާ ކުރިމަތިލުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.

މިނިސްޓަރ މާރިޔާ ވަނީ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އައި.އެން.އޭއިން ތަމްރީނުކޮށްދީފައިވާ އެމް.އެން.ޑީ.އެފް އޮފިސަރުން، މިއަދު މަތީ ރޭންކުތަކުގައި، ދިވެހި އަސްކަރިއްޔާއަށް ޚިދުމަތްކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އައި.އެން.އޭއަށާއި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިޔާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ކަރަމްބީރު ސިންގުގެ ދަޢުވަތަކަށް ޑިފެންސް މިނިސްޓަރ އިންޑިޔާއަށް ކުރެއްވި މިދަތުރުފުޅުގައި، އެކަމަނާ ވަނީ، އިންޑިޔާގެ ނޭވީގެ ސަދަރން ކޮމާންޑަށާއި އިންޑިއަން ނޭވަލް އެކެޑަމީއަށް ޒިޔާރަތްކުރައްވައި، ޓްރެއިނިންގ ފެސިލިޓީތައް ބައްލަވާލައްވާފައެވެ. އަދި އިންޑިޔާގައި ތަމްރީނުވަމުންދާ ދިވެހި ސިފައިންނާވެސް އެކަމަނާ ވަނީ ބައްދަލުކުރައްވާފައެވެ.

އިންޑިޔާގެ ނޭވީގެ ޓްރެއިނިންގ ކޮމާންޑުކަމަށްވާ ސަދަރން ނޭވަލް ކޮމާންޑުން ވަނީ، އެމް.އެން.ޑީ.އެފްއަށް ބޭނުންވާ ހުރިހާ ރޮނގަކުން، ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދޭނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރަށް ދެއްވާފައެވެ.