ޚަބަރު

"ރާއްޖެ، އިންޑިއާ އެއްބަސްވުންތަކުގައި ނުރައްކަލެއް ނެތްކަން އާދަމް ޝަރީފަށް އެނގިވަޑައިގަންނަވާނެ"


ރާއްޖެއާ އިންޑިއާ އާއި ދެމެދު ޑިފެންސް ދާއިރާއިން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ އަސްލު، ޑިފެންސް މިނިސްޓްރީން 241 ކޮމިޓީގައި ދެއްކެވިކަމަށާ، އެއެއްބަސްވުމުގައި ރާއްޖޭގެ ސަލާމަތައްނުރައްކާވާފަދަ އެއްވެކަމެއްނެތްކަން މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

މެންބަރު ޙަސަން ލަޠީފް މިހެން ވިދާޅުވީ، ރާއްޖެއާއި އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމެއް އޮތްތޯ ދެނެގަތުމަށް އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް 241 ކޮމިޓިއަށް ހުށައެޅުއްވީ މައްސަލަ ނިންމު ގޮތުގެ ރިޕޯޓުގެ ބަހުސް މަރުހަލާގައި އިިދިކޯޅު މެންބަރުން އެއްބަސްވުންތަކުގެ އަސްލު ނުފެންނަކަމަށް ވިދާޅުވެ ވާހަކަފުޅުދެއްކެވުމުންނެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ މެންބަރު ޙަސަން ލަތީފް ވިދާޅުވީ، ރާއްޖެއާ އިންޑިއާ އާއި ދެމެދު ޑިފެންސް ދާއިރާއިން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ޑިފެންސް މިނިސްޓްރީއާ އެމްއެންޑީއެފުން 241 ކޮމިޓީގެ މެންބަރުންނަށް ދައްކާވައި، އެއެއްބަސްވުންތަކުގައިވާ މުހިއްމު ބައިތައް އޮޅުންފިލުއްވައި ދެއްކެވިކަމަށެވެ.

އަދި އެއްބަސްވުންތަކުން އެނގިގެންދިޔައީ ރާއްޖޭގެ މިނިވަންކަމަށް އެެއްވެސް އުނިކަމެއް އަންނާނެފަދަ ކަމެއް ނެތްކަންކަމަށާއި، ހާމަވީ އެއްބަސްވުންތަކުން ރާއްޖެއަށް ފައިދާވާ އެތައްކަމެއް ހިމެނިފައި ހުރިކަންކަމަށް މެންބަރު ޙަސަން ލަތީފް ވިދާޅުވިއެވެ.

"މެންބަރު ޢާދަމް ޝަރީފަށްވެސް އެނގިވަޑައިގަންނަވާނެ އެއެއްބަސްވުންތަކުގައި މިޤައުމުގެ ސަލާމަތާއި، ސިޔާދަތައް ނުރައްކާވާފަދަ، އެއްވެސްކަމެއް ހިމެނިފައިނުވާކަން. އެކަން އެނގޭ އެންމެ ރަނގަޅު ދަލީލަކީ މެންބަރު އާދަމް ޝަރީފް އެރިޕޯޓަށް 13 އިސްލާހެއް ހުށައެޅުއްވިއިރު، އޭގެ އެއްވެސް އިސްލާހެއްގައި ރާއްޖޭގެ ސަލާމަތާއި ސިޔާދަތައް ނުރައްކާވެގެން ކަންބީދުވެގެން ހުށައަޅާފައިވާ އިސްލާހެއް" ޙަސަން ލަތީފް ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކަކީ ރަނގަޅު އެއްބަސްވުމެއްކަމަށް ނިންމާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ފާސްކުރި ގޮތަށް އެކަމާގުޅޭ ރިޕޯޓު މަޖިލީހުން ފާސްކޮށްފައިވާއިރު، މެންބަރު ޢާދަމް ޝަރީފް އުމަރު ހުށައެޅުއްވި އެއްވެސް އިސްލާހެއް ފާސްވެފައެއްނުވެއެވެ.

ރާއްޖެއާއި އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ހާމަވެއްޖެކަމަށާއި، އޭގައި ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމެއް ނެތްކަމަަށް އެ އެއްބަސްވުންތައް ދިރާސާކުރެއްވި، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މުޤައްރިރު ވެސްވަނީ ވިދާޅުވެފައެވެ.