ޚަބަރު

މަޙުމޫދު މަރާލި މައްސަލާގައި ޝާ އަލޮމަށް، ދަޢުވާކުރަން އަންނަ ހަފްތާގައި ފޮނުވާނެ


އދ.ދަނގެތީގައި ރަޙުމްކުޑަގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މަޙްމޫދު އަބޫބަކުރު މަރާލިކަމަށް، ޢިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ، ޝާ އަލޮމް މިއާގެ މައްޗަށް ދަޢުވާކުރުމަށް އަންނަ ހަފްތާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މަޙްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅޭ މަޢުލޫމާތު ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުހައި ފުލުހުންގެ، މޭޖަރ ކްރައިމްސް ޑިޕާޓްމަންޓުގެ ހެޑް ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާޢު ވިދާޅުވީ، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 29 އަހަރުގެ ޝާ ޢާލޮމް މިއާ، މަޙުމޫދަށް ހަމަލާދީ މަރާލާފައިވަނީ ފައިސާގެ ބޭނުމުގައިކަން ތަޙުޤީގަށް އެނގިފައިވާކަމަށެވެ. އަދި މަޙުމޫދަށް ހަމަލާދިނުމުގެ ކުރިންވެސް ވައްކަމުގެ މައްސަލައެއްގައި އެނާގެ ބައިވެރިވުން އޮތްކަން ހާމަވެފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ މަޙުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް ދަނގެތީގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކުން އޭނާ ފެނުނުއިރު، ތޫނު އެއްޗަކުން ހަމާލާދީ އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ތަޙުޤީގަށް ފާހަގަކުރެވުނުކަމަށެވެ. އަދި މަޙުމޫދަށް ހަމާލާދިނުމަށްފަހު 5 ގަޑިއިރުވަންދެން ހަށިގަނޑު ހަމާލާދިން ގޭގައި ބޭއްވިކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ ވަގުތުތަކުގެ ތެރޭގައި 3 ފަހަރެއްގެ މަތިން ޝާ އަލޮމް މިއާ މަޙްމޫދަށް ހަމަލާދީފައިވާކަން ތަޙުޤީގަށް އެނގިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

"މަޙްމޫދުގެ ބޮލުން މައިގަނޑު 3 އަނިޔާއެއް ފާހަގަކުރެވުނު. އޭގެ އިތުރުން ހަށިގަނޑުގެ އެކިތަންތަނުން 30 ހަށްވުރެ ގިނަ ޒަޚަމް ފެންނަން ހުރި. ތޫނުއެއްޗަކުން ޒަޚަމްކޮއްލާފައިވާކަން ފާހަގަކުރެވުނު" ހަސަން ޝިފާޢު ވިދާޅުވިއެވެ.

އޮކްޓޫބަރު 14ވަނަ ދުވަހު މަހޫމޫދުގެ ހަށިގަނޑު ފެނުމާއެކު ފުލުހުން ކުރި ތަޙުޤީގު ތެރެއިން އޭގެ ދެދުވަސް ފަހުން، ކޯޓު އަމުރެއްގެ ދަށުން ޝާ އަލޮމް މިއާ ހައްޔަރުކޮށްފައިވާއިރު، އޭނާ ދިރިއުޅުނު ދަނގެތީ ނެދުންގެއިން މަޙުމޫދުގެ އަންނައުނާއި، ގަޑިފަދަ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ޖުމަލް 6 ތުހުމަތެއް ޝާ އަލޮމް މިއާއަށްކުރެވޭއިރު، ކުށް ކުރިކަން ސާބިތުވާވަރަށް ޝާ އަލޮމް މިއާއާ ދެކޮޅަށް ހެކިލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

"މިމައްސަލައިގެ ރިޕޯޓު ލިބުނު ހިސާބުން ފެށިގެން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ ޓީމާކާއެކު ގިނަ މަސައްކަތް ކުރެވުނު. އިރާދަކުރެއްވިއްޔާ މި މައްސަލައިގެ ތަޙުޤީގު ނިންމައި މި ފެށޭހަފްތާ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވާނަން" ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާޢު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ، މަޙްމޫދު އަބޫބަކުރު މަރާލުމުގައި ޝާ އަލޮމް މިއާގެ އިތުރުން، އެހެން ބައެއްގެ ބައިވެރިވުން އޮތްކަމަށް ފާހަގަނުވާކަމަށާއި، ދަނގެތީގައި ދިރިއުޅުނު އެހެން ރަށެއްގެ ބަޔަކު ކުރިން ކުރިކަމަކާއި ގުޅިގެން އެރަށުގެ މަދުބަޔަކު އެފަރާތްތަކަށް ޖިސްމާނީ އަނިޔާއާ މުދަލައް ގެއްލުންދީފައިވާމަށާއި، އެއްވެސް ބަޔަކު ޖަޒުބާތުގައި ޖެހިގެން އެފަދަ ކަންކަން ކޮށްގެން ނުވާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އެފަދަ ކަންކަމުގެ ސަބަބުން ފުލުހުންގެ ތަޙުޤީގަށްވެސް ހުރަސްއެޅި، ފޮރިންސިކް ހެކި ގެއްލޭގޮތް މެދުވެރިވާކަމަށްވެސް ފުލުހުން ވިދާޅުވުއެވެ.