ޖަރުމަންވިލާތުގެ ނޫސްވެރިންގެ ޓީމެއް އެމްއެމްޕީއާރުސީގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.
މި ދަތުރު ކުރިއަށްދާނީ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހުން 7 ވަނަ ދުވަހާ ހަމައަށެވެ.
މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ ޓީމުގައި ޖަރުމަންވިލާތުގެ އާންމުންގެ މެދުގައި މަޤްބޫލް އޮންލައިން އަދި ޕްރިންޓް މަޖައްލާތަކާއި، ނޫސްތަކުގެ ލިޔުންތެރިން ހިމެނެއެވެ. މި ފެމިލިއަރައިޒޭޝަން ދަތުރުގައި ބައިވެރިވާ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ސާއި ލެގޫން މޯލްޑިވްސް އަދި ކޮންރެޑު މޯލްޑިވްސް ރަންގަލި އައިލެންޑް ރިޒޯޓުގައެވެ. މި ޓީމުން މި ރިސޯޓުތަކުގައި ލިބެން ހުންނަ ޙިދުމަތްތައް ތަޖުރިބާކުރާނެއެވެ.
މި ދަތުރަށްފަހު މިއިން ކޮންމެ މަޖައްލާއެއްގައި ރާއްޖެއާ ބެހޭގޮތުން އާޓިކަލްތައް ޝާއިޢުކުރާނެއެވެ. މި އާޓިކަލްތައް ޖަރުމަނުވިލާތުގެ މަތީ ފަންތީގެ ފަތުރުވެރިންނާއި ބަޖެޓު ފަތުރުވެރިންނާ ހަމައަށް ފޯރާނެކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބަބުން މި މާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރާނެކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.
މި ފޭމް ޓްރިޕަކީ ޖަރުމަން މާކެޓަށް އަމާޒުކޮށް މިއަހަރު އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ ދެވަނަ ފޭމް ޓްރިޕެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ އެމްއެމްޕީއާރުސީން ޖަރުމަން މާކެޓަށް ގެންގުޅޭ މަކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ.
އެމްއެމްޕީއާރުސީން ވިދާޅުވީ މި ޓްރިޕްގެ ސަބަބުން މި މާކެޓުގެ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޯށްދެވޭނެކަމަށެވެ. މިގޮތުން ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރާނެކަމަށްވެސް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.
ޖަރުމަންވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު މާކެޓެކެވެ. އެގޮތުން ރާއްޖެއަށް މިހާރު ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޖަރުމަންވިލާތުނެނެވެ. ތަފާސް ހިސާބުތަށް ދައްކާގޮތުން ނޮވެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް 1.15 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މީގެތެރެއިން 7.2 އިންސައްތަ ހިއްސާކުރަނީ ޖަރުމަން ފަތުރުވެރިންނެވެ.