ތިމާވެށި

ވޭސްޓް ކަލެކްޝަން ސާރވިސް ސެންޓަރެއް ޤާއިމް ކުރަނީ


މި އަހަރުގެ ފުރަތަމަ ތިން
މަސް ދުވަހުގެ ތެރޭގައި ވޭސްޓް ކަލެކްޝަން ސަރވިސް ސެންޓަރެއް ޤާއިމް ކުރައްވާނެކަމަށް
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން-ވެމްކޯ އިން ވިދާޅުވެއްޖެއެވެ.

މާލެ ޞަރަޙައްދުގެ ކުނި
މެނޭޖްކުރުމާއި ބެހޭގޮތުން ޕީ.އެސް.އެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު
ދައްކަވަމުން ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފުޢާދު ވިދާޅުވީ، މާލޭގެ
ގޭބިސީތަކުގެ ކުނި މި ވަގުތު އުކާލަމުންދަނީ އުޖޫރަދީގެން ބިދޭސީން މެދުވެރިކޮށްކަމަށެވެ. އަދި ކުނި އުކާލުމުގެ
ޚިދުމަތުގައި ހާހެއްހާ ބިދޭސީން މަސައްކަތް ކުރަމުންދާއިރު، މީގެތެރޭގައި ގިނައީ
ޤާވާއިދާއި ޚިލާފަށް މިކަން ކުރާ މީހުން ކަމަށެވެ.

ނަމަވެސް، މި ވަގުތު މިކަން ހުއްޓުވެން ނެތް ކަމަށާއި، މި
ކަން ހުއްޓުވޭނީ، ޢާއްމުންނަށް މި ޚިދުމަތް ފޯރުކޮށްދޭނެ އެހެން އިންތިޒާމެއް
ހަމަޖެއްސައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ގޭބީސީތަކުން
އުފައްދާ ކުނި މެނޭޖް ކުރެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް
ވެމްކޯއިން ކުރައްވަމުން ގެންދަވާކަމަށް ފުޢާދު ވިދާޅުވިއެވެ.