ޚަބަރު

މަރުގެ ހުކުމް އިއްވާފައިވާ 2 މީހެއްގެ މައްސަލަ ހައިކޯޓަށް !


ދަށުކޯޓުން މެރުމަށް ހުކުމްކޮށްފައިވާ ދެ މީހެއްގެ މައްސަލަ އެމީހުން އިސްތިއުނާފް ނުކުރުމުން، އެ
މައްސަލަ ހައިކޯޓަށް ހުށައެޅުމުގެ މަސައްކަތް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފައްޓަވައިފިއެވެ. 



ޕީޖީ އޮފީހުން ހައިކޯޓަށް
ހުށައެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ޑިއުޓީގައި އުޅެނިކޮށް ތޫނު
އެއްޗަކުން ހަމަލާދީ މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ މަރުގެ ބަދަލުގައި
މެރުމަށް ހުކުމްކޮށްފައިވާ ކ.ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހުގެ މައްސަލައާއި ކ ތުލުސްދޫ
ބިޖިލީއުފާ އަލީ ޝިހާމް މަރާލި ތުލުސްދޫ ރެޑްރޯސް މުހައްމަދު ނިޔާޒްގެ މައްސަލައެވެ. 



ޕީޖީ އޮފީހުން ވިދާޅުވީ މަރުގެ
މައްސަލަތައް އިސްތިއުނާފްކުރުމަށް ސުޕްރީމްކޯޓުން އެކުލަވާލި އުސޫލް
އާއްމުކުރުމުގެ ކުރިން ދަށުކޯޓުން ނިންމާފައިވާ މި ދެ މައްސަލައިގެ ހުކުމް
ކަށަވަރުކުރުމަށްޓަކައި އެ މައްސަލަ ހައިކޯޓަށް ހުށައެޅުމަށް ކުރަންޖެހޭ
މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ. 



މަރުގެ ހުކުމް އިއްވާފައިވާ
މައްސަލަތަކާއި ގުޅިގެން އެ މައްސަލަތައް އިސްތިއުނާފްކުރަންޖެހޭ އުސޫލެއް
އެކުލަވާލާ ނިމިދިޔަ އަހަރުގެ ފަހުކޮޅު ސުޕްރީމްކޯޓުން އާއްމުކޮށްފައިވެއެވެ. މި
އުސޫލް ބުނާގޮތުން މަރުގެ މައްސަލައެއްގައި ދަށުކޯޓުން އިއްވާ ހުކުމް އެ
މައްސަލާގައި ހިމެނޭ ފަރާތަކުން އިސްތިއުނާފް ނުކޮށްފިނަމަ، އެ ކޯޓަކުން ހައިކޯޓަށް ހުށައަޅަންޖެހެއެވެ.  އަދި
ހައިކޯޓުން ނިންމާ މަރުގެ މައްސަލަތައް 
އެމައްސަލާގައި ހިމެނޭ ފަރާތުން އިސްތިއުނާފްނުކޮށްފިނަމަ ޕީޖީ އޮފީހުން އެ
މައްސަލައެއް ސުޕްރީމްކޯޓަށް ހުށައަޅަންޖެހެއެވެ.