އައްޑޫ ސިޓީ މަރަދޫގައި އިމާރާތްކުރާ ކަސްޓަމްސް ސައުތު ރީޖަނަލް ހެޑް އޮފީސްގެ ބިންގާ އަޅައިފިއެވެ.
މަރަދޫ ޕާކް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އަދި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ވިސްނުމަކީ ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ދިނުމަށްޓަކައި، މާލެފިޔަވައި ރާއްޖޭގެ އެހެން ބަނދަރުތަކުގައި އިމްޕޯރޓް އެކްސްޕޯޓްގެ މަސައްކަތް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ. އަދި ސައުތު ރީޖަނަލް އޮފީހުގެ ސަބަބުން އައްޑޫ ސިޓީގެ ވިޔަފާރި ބަނދަރު އިތުރަށް ތަރައްޤީވެ، އައްޑޫ ސިޓީގެ ވިޔަފާރިއަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްގެ ވިދާޅުވީ އައްޑޫ ސިޓީގެ އެކްސްޕޯޓް އިމްޕޯޓްގެ މަސައްކަތް ފުޅާވެ ކަސްޓަމްސްއިން ފޯރުކޮށްދޭންޖެހޭ ޚިދްމަތްތައް ފޯރުކޮށްދިނުމަށް އައްޑޫގައި އެޅޭ ސަރުކާރުގެ މުހިންމު ބިނާއަކަށް މި އިމާރަތްވެގެންދާނެކަމަށެވެ. އަދި މި ރީޖަނަލް އޮފީހުގެ ސަބަބުން އައްޑޫގެ ވިޔަފާރިތަކަށް މުސްތަޤްބަލުގައި ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
22.3 މިލިއަން ރުފިޔާއަށް، 411 ދުވަހުގެ ތެރޭގައި ނިންމާގޮތަށް މިއިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއާއެވެ. 3 ބުރީގެ މިއިމާރާތުގައި އިދާރީ އޮފީހަކާއި، ސްޓާފް އެކޮމޮޑޭޝަން ބައެއްގެ އިތުރުން ރީޖަނަލް ޓްރޭނިން ސެންޓަރެއް އެޅިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި، ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުގެ އިތުރުން ހުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އިލްޔާސް ލަބީބު އަދި ހިތަދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އިބްރާހިމް ނާޒިލްގެ އިތުރުން އައްޑޫސިޓީގެ ކައުންސިލް މެމްބަރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.