ޚަބަރު

އަދީބު ބޭސްފަރުވާއަށް މިއަދު މާލެ ގެންނަވައިފި


ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރައްވާފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ބޭސްފަރުވާއަށް މިއަދު މާލެ ގެންނަވައިފިއެވެ. މިއީ، މިދިޔަ އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހު އަޙުމަދު އަދީބް ހައްޔަރުކުރެއްވި ފަހުން މާލެ ގެންނެވި ފުރަތަމަ ފަހަރެވެ. ފުލުހުން ވިދާޅުވީ އަޙުމަދު އަދީބު މާލެ ގެންނެވީ ލޮލުގެ ފަރުވާއަކަށް ކަމަށެވެ. މިއަދު ހެނދުނު ސެނަހިޔާ ހޮސްޕިޓަލުން އަދީބަށް ފަރުވާ ދެއްވުމަށްފަހު މިހާރު ވަނީ އަނބުރާ ދޫނިދޫއަށް ގެންދަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮއްލުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 27 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި ބޮމެއްގޮއްވާލިކަމުގެ ތުހުމަތުގައި އަޙުމަދު އަދީބު ހައްޔަރުކުރެއްވީ އޮކްޓޫބަރުމަހުގެ 24 ވަނަ ދުވަހު ޗައިނާއިން މާލެ ވަޑައިގެނެވުމުން، އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.އަދީބް ހައްޔަރުކުރެއްވި ފަހުން މިއީ މާލެ ގެނައި ފުރަތަމަ ފަހަރެވެ. މިހާތަނަށް 5 ފަހަރެއްގެ މަތިން އަދީބުގެ ބަންދުގެ މުއްދަތު އިތުރުކުރައްވާފައި ވާއިރު މުއްދަތުގެ މަޖިލިސް ކުރިޔަށް ގެންދަވާފައިވަނީ ދޫނިދޫއާއި ކްރިމިނަލްކޯޓާއި ދެމެދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެމް.އެމް.ޕީ.އާރުސީން 50 އަށް ވުރެ ގިނަ ރަށް ދޫކުރުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމުތަގައި އަދީބްގެ މައްޗަށް ދަޢުވާކުރެއްވުމަށް ފުލުހުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅުއްވާފައިވެއެވެ. މީގެތެރެއިން އެއް މައްސަލައިގެ ޝަރީޢަތް ފެށިފައިވާއިރު، އެ މައްސަލަ ނިމެންދެން ބަންދުގައި އަދީބު ބެހެއްޓެވުމަށް ކުރިމިނަލް ކޯޓުން އަމުރު ނެރުއްވާފައިވެއެވެ.