ޚަބަރު

އެމް.އެމް.އައި އިން ޕްރޮޑަކްޝަނާއި ޕްރެޒެންޓިންގެ 4ކޯސް ފަށައިފި


ޓީވީ ރޭޑިއޯ ޕްރޮޑަކްޝަނާއި، ޕްރެޒެންޓިންގެ ހަތަރު ކޯހެއް ޕީ.އެސް.އެމްގެ މީޑިއާ އިންސްޓިއުޓުން މިއަދު ފަށައިފިއެވެ. މީޑިއާގެ ފަންނުވެރިކަމުގެ އާ ޖީލެއް ބިނާކުރުމަށް ޕީ.އެސް.އެމުން ފަށާފައިވާ މަސައްކަތުގެ ތެރެއިން މިއީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އުފެއްދި ފަހުން ކޯސްތަކެއް ކުރިއަށްގެންދާ ދެވަނަ ފަހަރެވެ. ރާއްޖޭގެ މީޑިއާގެ ފަންނުވެރިކަމުގެ އާ ޖީލެއް ބިނާކުރެއްވުމަށް ޕީ.އެސް.އެމުން ފަށާފައިވާ މަސައްކަތުގެ ދަށުން މިއަދު ފެށިގެން ދިޔައީ ޓެލެވިޜަން ޕްރޮޑަކްޝަންއާ ޓެލެވިޜަން ޕްރެޒެންޓިންގ ގެ ސެޓްފިކެޓް ލެވެލްގެ ދެ ކޯހަކާއި، ރޭޑިއޯ ޕްރޮޑަކްޝަނާއި، ރޭޑިއޯ ޕްރެޒެންޓިންގެ ސެޓްފިކެޓް ލެވަލްގެ ދެ ކޯހެކެވެ. މިކޯސްތަކުގެ އޮރިއެންޓޭޝަން ޕްރޮގްރާމްގައި ކޯސްތައް ހިންގަވާ މަޤްސަދާއި އަމާޒުތައް ބައިވެރިންނާއި ޙިއްސާ ކުރައްވަމުން ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، މޯލްޑިވްސް މީޑިއާ އިންސްޓްޓިއުޓްގެ އަމާޒަކީ، ރާއްޖޭގެ މީޑިއާގެ ދާއިރާއަށް މޮޅު ފަންނުވެރިންތަކެއް އުފެއްދުން ކަމަށެވެ. އެގޮތުން މީޑިއާ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކުން ރާއްޖޭގެ އެކި މީޑިއާތަކުގައިއާއި، ރާއްޖެއިން ބޭރަށްވެސް ދިވެހި މޮޅު އުފެއްދުންތަކެއް ނެރެވޭފަދަ ބަޔަކަށް ހެއްދުވުމަކީ މި އިންސްޓިޓިއުޓް ހިންގެވުމުގެ އަމާޒެއްކަމުގައި ވިދާޅުވިއެވެ.އަދި އަންނަ މަހުން ފެށިގެން ޕަބްލިކް ސަރވިސް މީޑިއާގެ ޓީ.ވީ.އެމް އާއި ދިވެހިރާއްޖޭގެ އަޑުގެ އިތުރުން އެހެން ޗެނަލްތަކަށް އައުޓްސޯސް ކުރައްވައިގެން ޕްރޮގްރާމް އުފެއްދެވުމުގެ ފުރުސަތު ހުޅުވާލައްވާނެކަމުގައި ވިދާޅުވިއެވެ. ޚަލީލުގެ ވާހަކައިގައި ޕީ.އެސް.އެމުން އިތުރު ޗެނަލްތައް އުފެއްދުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ތަފާތު ޗެނަލްތައް ކުރިއަށް އޮތްތަނުގައި ފެނިގެން ދާނެކަމަށާއި، އެޗެނަލްތަކުން ފެނިގެންދާ ޕްރޮގްރާމްތަކާއި ކޮންޓެންޓުތަކުގެ ފެންވަރު ރަނގަޅުކުރުމަކީވެސް އެމް.އެމް.އައިއިން މިފަށާ ކޯސްތަކުގެ މައިގަނޑު އެއް މަޤްސަދުކަމުގައި ވިދާޅުވިއެވެ. ޚަލީލު އިތުރަށް ވިދާޅުވީ، ޤާނޫނަކުން ޕަބްލިކް ސަރވިސް މީޑިއާ އުފައްދަވާފައިވަނީ ޚާއްސަ މަޤްސަދެއްގައި ކަމަށާއި، ޕީ.އެސް.އެމުން ރާއްޖޭގެ މުސްތަޤްބަލު ހަލާކު ކުރުމަށް ހިތްވަރު ލިބޭފަދަ ކޮންޓެންޓް ހިމެނޭ  ޕްރޮގްރާމްތަކާއި އުފެއްދުންތަކަށް ފުރުސަތު ނުދެއްވާނެކަމަށެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފް ވިދާޅުވީ، ތަރައްޤީވެފައިވާ މިފަދަ ދުވަސްވަރެއްގައި މީޑިއާތައްވެސް ކުރިއަށްދަނީ ވަރަށް ވާދަވެރި މާހައުލެއްގައި ކަމުން، މޮޅުއުފެއްދުންތަށް ކޮންމެ ޗެނަލަކުންވެސް ފޮނުވުން މުހިންމުކަމަށާއި، މޯލްޑިވްސް މީޑިއާ އިންސްޓްޓިއުޓުން ތަމްރީނުވާ ބައިވެރިންނަކީ، އެފަދަ މޮޅު ތަފާތު އުފެއްދުންތައް ތައްޔާރުކުރެވޭނެ ބަޔަކަށްވުން މުހިންމުކަމަށެވެ.މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން މީގެ ކުރީންވެސް ކެމެރާމަނުންނާއި، ޓެކްނީޝަނުން ތަމްރީނުކުރެއްވުމުގެ ކޯސްތަކެއް ހިންގަވާފައިވެއެވެ. މިފަހަރު ހިންގަވާ ދޮޅުމަސްދުވަހުގެ 4 ކޯހުގައި 50 ބައިވެރިން ހިމެނެއެވެ. މިކޯސްތަކުގައި ކިޔަވައިދެއްވާނީ މިދާއިރާތަކުން ރާއްޖޭގައި ތަޢުލީމު ހާސިލު ކުރައްވައިގެން ތިއްބެވި ބޭފުޅުންނާއި، ޓީ.ވީ.އެމް އަދި ދިވެހި ރާއްޖޭގެ އަޑުގައި ތިއްބަވާ ކަމުގެ ތަޖުރިބާކާރުންނެވެ.