ޚަބަރު

ހިމަންދޫ ކައުންސިލަށް ބައެއް ތަކެތި ހޯދާފައިވަނީ ނުޤަވައިދުން


އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލް އިދާރާއިން 2013 ވަނަ އަހަރު ދައުލަތުގެ މާލިއްޔަތު ގާނޫނާއި ޚިލާފަށް މުދާ ހޯދުމާއި ޚިދުމަތް ލިބިގަތުމުގައި ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން، ފާހަގަކުރައްވައި އެކަންކަން ރަގަޅު ކުރެއްވުމަށް އޮޑިޓަރ ޖެނެރަލް އަންގަވައިފިއެވެ.ހިމަންދޫ ކައުންސިލް އިދާރާގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވާގޮތުން އެކައުންސިލުން "214,000 ވުރެ ގިނަ ރުފިޔާގެ އަގަށްވާ މުދަލާއި ޚިދުމަތް ހޯދާފައިވަނީ، އެ ކައުންސިލުން ކޮންމެހެން ބޭނުން ވެގެންކަން އެނގެން ނެތްކަމަށް، ބަޔާން ކުރައްވާފައިވެއެވެ. އަދި ތަކެއްޗާއި ޚިދުމަތް ހޯދުމަށް ހުއްދަދޭ ފޮތް ނުވަތަ ފޯމް ފުރިހަމަ ނުކޮށް، އެކަމަށް ވެރިއެއްގެ ހުއްދަނެތި 119،000 އެއްހާ ރުފިޔާގެ މުދަލާއި ޚިދުމަތަށްވާ ފައިސާ ހިމަންދޫ ކައުންސިލްގެ އިދާރާއިން ޚަރަދުކުރައްވާފައިވެއެވެ.މުދަލަށް އޯޑަރުކުރާ ފޯމް ތައްޔާރުނުކޮށް "94,000 ވުރެ ގިނަ، ރުފިޔާގެ ތަކެއްޗާއި ޚިދުމަތް ހޯއްދާފައިވެއެވެ. މިފައިސާއަށްވާ މުދަލާއި ޚިދުމަތް ހޯދާފައިވަނީ ކައުންސިލްގެ ވެރިއެއްގެ ހުއްދަ ހޯދައިގެންކަން ލިޔެކިޔުންތަކުން އެނގެން ނެތްކަމަށާއި، މިތަކެތި ހޯދާފައިވަނީ ކޮން ބޭނުމެއްގައިކަން ވެސް އެނގެން ނެތްކަމަށް މިރިޕޯޓުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި މިއީ ކައުންސިލް އިދާރާއަށް ކޮންމެހެން ބޭނުންވެގެން ހޯދާފައިވާ ތަކެތިކަން ޔަގީންކުރެވެން ނެތްކަންވެސް އޮޑިޓަރ ޖެނަރަލް ފާހަގަކުރައްވާފައިވެއެވެ.ހިމަންދޫ މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުއްޔާއި ގުޅޭ މައުލޫމާތު ކައުންސިލުން އެނގެން ނެތްކަންވެސް އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ.