ޚަބަރު

ފަތުރުވެރިކަމުގެ ރަންއަހަރު ފާހަގަކުރުމަށް "ނަލަ ނަލަ ރާއްޖެ" ވީޑިއޯ ލަވަ ލޯންޗްކޮށްފި


ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރާ، ފަތުރުވެރިކަމުގެ ރަންއަހަރުގެ މުނާސަބަތާ ގުޅުވައިގެން ތައްޔާރުކުރި "ނަލަ ނަލަ ރާއްޖެ" ވީޑިއޯ ލަވަ ރަސްމީކޮށް ލޯންޗްކޮށްފިއެވެ.

"ނަލަ ނަލަ ރާއްޖެ" ވީޑިއޯ ލަވައަކީ މިނިސްޓްރީ އޮފް ޓުއަރިޒަމާއި މިއުޒިކް ޔޫނިއަން މޯލްޑިވްސްއާ ގުޅިގެން ތައްޔާރުކޮށްފައިވާ ވީޑިއޯ ލަވައެކެވެ.

މި ލަވަ ލޯންޗުކުރުމަށް ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދި ޝޯގައި "ނަލަ ނަލަ ރާއްޖެ" ވީޑިއޯ ލަވަ ރަސްމީކޮށް ލޯންޗްކޮށްދެއްވީ ރާއްޖޭގެ މިއުޒިކީ ދާއިރާއިން ޓުއަރިޒަމް އިންޑަސްޓްރީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްފައިވާ މިއުޒިކީ ދާއިރާގައި ފުންނާބުއުސް ފަންނާނުން ކަމަށްވާ އަހުމަދު މާޖިދު (މެޒޯ މޯޑް)އާއި އަބްދުލް ރަޝީދު (އަބްސީ)އާއި އަދި ނިޝް ނާޝިދެވެ.

މި ލަވައިގެ އޮފިޝަލް ވީޑިއޯގައި ދިވެހިރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ދައްކުވައިދޭ ކަނޑާއި ފަޅު އަދި އެއްގަމުގެ ރީތި މަންޒަރުތައް ދައްކުވައިދެއެވެ. އަދި ދިވެހިންގެ ސަގާފަތާ ގުޅުވާ ދިވެހިންގެ އާދަކާދަތައްވެސް މި ލަވާގައި ދައްކުވައިދެއެވެ.

މި ޝޯގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން ޓުއަރިޒަމް މިނިސްޓްރީއިން ވަނީ ޚާއްސަ ޓިކްޓޮކް ޗެލެންޖެއްވެސް އިއުލާނުކުރައްވާފައެވެ. މިޓިކްޓޮކް ޗެލެންޖް ހުޅުވާލެވިފައިވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށްވެސް ބައިވެރިވެވޭގޮތަށެވެ. އެގޮތުން މިޓިކްޓޮކް ޗެލެންޖް 12 މާރޗްއިން ފެށިގެން މެއި މަހުގެ 10ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.

މީގެ އިތުރުން ޓިކްޓޮކް ޗެލެންޖުގައި ބައިވެރިވާ މީހުންނަށް ވަރަށް ޚާއްސަ އަގުހުރި އިނާމްތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ދިވެހިންގެ ކެޓަގަރީގައި 10،000 ފޮލޯވަރސް އިން މަތި އަދި 10،000 ފޮލޯވަރސްއިން ދަށުން އެއް ވަނަ އަށް އަންނަ ކޮންމެ ފަރާތަކަށް 25000، ދެވަނައަށް އަންނަ ފަރާތްތަކަށް 15000 އަދި ތިންވަނައަށް އަންނަ ފަރާތްތަކަށް 10000 ރުފިޔާގެ ފައިސާގެ އިނާމްވަނީ ހުށަހަޅާފައެވެ.

މި ޗެލެންޖްގައި ރާއްޖޭން ބޭރުން ބައިވެރިވާ މީހުންގެ ކެޓަގަރީގައި 1 މިލިއަން ފޮލޯވަރސް އިން މަތި އަދި 1 މިލިއަން ފޮލޯވަރސްއިން ދަށުން އެއް ވަނައަށް އަންނަ ކޮންމެ ފަރާތަކަށް 8 ދުވަހުގެ ހޮލިޑޭ ޕެކޭޖެއް (2 މީހަކަށް) އަދި ދެވަނައަށް އަންނަ ފަރާތްތަކަށް 5 ދުވަހުގެ ހޮލިޑޭ ޕެކޭޖެއް (2 މީހަކަށް) ދިނުމަށް ވަނީ ހަމަޖެހިފައެވެ.