އަތޮޅުތައް

ތިނަދޫ އިސްލާމީ މަރުކަޒުގެ ބިންގާ އެޅުން މިމަހު ފަހުކޮޅު


ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ގާއިމްކުރާ އިސްލާމީ މަރުކަޒު، އެރަށު ހުޅަނގު ފަރާތުގައި އިމާރާތްކުރުމަށް ނިންމައި،  މިމަހު ފަހުކޮޅު ބިންގާ އެޅުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ. އަތޮޅުތެރޭގައި ގާއިމް ކުރެވޭ ފުރަތަމަ އިސްލާމީ މަރުކަޒުގެ ގޮތުގައި ތިނަދޫގައި އިމާރާތް ކުރެވޭ މި އިސްލާމީ މަރުކަޒު ވެގެންދާއިރު، މިއީ މާލޭގެ އިސްލާމީ މަރުކަޒާއި ދާދި އެއްގޮތައް ޑިޒައިން ކުރަވިފައިވާ މަރުކަޒެކެވެ. މި މަރުކަޒު ކުރީން އިމާރާތްކުރަން ހަމަޖެއްސެވި ތިނަދޫ ހުކުރު މިސްކިތް ހުރި ބިން ކޮނުމުގެ ތެރޭގައި އެތަނުން އާސާރީ މިސްކިތްތަކެއްގެ ބައިތަކެއް ފެނުމުން ހެރިޓޭޖް ޑިޕާޓްމަންޓްގެ މަޝްވަރާއާއެކު އެތަން މިހާރުވަނީ އާސާރީތަނަކަށް ދޫކުރައްވާފައެވެ. އަދި ތިނަދޫ ކައުންސިލުން މިހާރުވަނީ، ރަށުގެ ހުޅަނގު ފަރާތުން ފަސްދޮޅަސް ހާސް އަކަފޫޓުގެ ބިމެއް އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް ދެއްވާފައެވެ.ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ، ތިނަދޫ ކައުންސިލުގެ އެހީތެރިކަމާއެކު އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް ވާންޖެހޭ ތައްޔާރީތަށް މިހާރު ވަރަށް ބާރަށް ކުރިއަށްދާކަމުގައެވެ. އެގޮތުން އެމަރުކަޒު އިމާރާތްކުރުމައްޓަކައި ހަދަންޖެހޭ ބިމުގެ ދިރާސާތައް، މިހާރު ނިމިފައިވާކަމަށާއި، ރޯޑް ޑިވޮލޮޕްމެޓް ކޯޕަރޭޝަނުން ކުރިއަށްގެންދަވާ މިމަޝްރޫއު ވީހާވެސް އަވަހަށް ނިމެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ. ކޮންފަރެންސް ހޯލަކާއި ކްލާސް ރޫމްތަކަކާއި، އޮފީހެއްގެ އިތުރުން އިމާމުންވެސް ތިއްބަވާގޮތަށް ގާއިމްކުރެވޭ  މި މަރުކަޒުގެ ސަބަބުން ދެކުނުގެ ހުރިހާ އަތޮޅަކަށްވެސް އިލްމީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަންވެސް ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް އަހްމަދު ފާހަގަކުރެއްވިއެވެ. ތިނަދޫގެ މަލަމައްޗަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާ ގޮތަށް، ތަނަވަސް ސަރަހައްދެއްގައި ގާއިމްކުރެވޭ މި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ނިމި ކުރީންވެސް ރޭވިފައިވާ ގޮތަށް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވިގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.