ޚަބަރު

ބ.އަތޮޅުގެ ފަރުތަކާއި ފިނޮޅުތައް ކުއްޔަށް! އަތޮޅަށް ބޮޑު ފައިދާއެއް!


މި ކުޑަކުޑަ ރާއްޖެ ގުދުރަތީ ގޮތުން އުފެދިފައިއޮތް ގޮތާއި ރަށްރަށުގެ ފެހިކަމާއި ހުދު ސާފު ދޮންވެލި ތުނޑިތަކުގެ ތީރިކަމާއި ކަނޑުގެ ދިރުމުގެ މުއްސަދިކަމަކީ އަހަރެމެންގެ އިޤްތިސާދު އެކަމަކަށް ބަރޯސާވެފައި އޮތް ފަތުރުވެރިކަމުގެ އަސްލެވެ.

މި ދެންނެވި ތަންތަނުގެ ތެރެއިން ރާއްޖެއަންނަ ފަތުރުވެރިންނަށް ނުވިއްކޭނެ އެކައްޗެއްވެސް ނެތެވެ. ނާށި އޮމާން ކޮށްގެންނާއި ބޮލި އޮފުކޮށްގެން ފަތުރުވެރިންނަށް ވިއްކި ދުވަސްތަކުގެމަތިން ހަނދާންކޮށްލާށެވެ. އެއީ އެޒަމާނެވެ. ޒަމާން ބަދަލުވިޔަސް އޭރު އެއް ޑޮލަރަށް ވިއްކި ބޮލީގެ އަގު މިހާރުހުރީ 50 ޑޮލަރުން މަތީގައެވެ. ހިލޭ އެފަތުރުވެރިން ހިތްހަމަ ޖައްސާލުމަށް ގެންދިޔަ ދޮންވެލި ފިނޮޅުތަކުގެ އަގު ހުރީ މިލިއަން ރުފިޔާއިން މަތީގައެވެ. މިއީ މިސިނާއަތް ކުރިއަރަމުން ދާގޮތުގެ ކުޑަކުޑަ މިސާލެކެވެ.

ދަންނަވަން މިއުޅޭ ވާހަކައަކީ ފަތުރުވެރިކަން ފުޅާވަމުންދާ އަތޮޅުތަކުގައި ދޮންވެލި ފިނޮޅުތައް ވިއްކައިގެން އަތޮޅެއްގެ ކައުންސިލަކުން ނެރެމުންދާ އާމްދަނީގެ ވާހަކައެވެ. އެއީ ފަތުރުވެރިންގެ އެންމެ ހިތްގައިމު އެއް މަންޒިލް ކަމުގައި ދެކޭ ބ.އަތޮޅުގައި ފިނޮޅުތައް ކުއްޔަށް ދޫކޮށްގެންނެވެ. މިއަތޮޅުގެ ކޮންމެ ސަރަހައްދަކީވެސް ހިމާޔަތްކޮށްގެން ނުވަތަ ކުއްޔައްދީގެން ޢާމްދަނީ ނެރެވިދާނެ ތަންތަންތަންކަމުގެ މިސާލު އަންނަނީ ދައްކަމުންނެވެ.

ބ.އަތޮޅު ކައުންސިލުން މިހާރު ވަނީ މި މަސައްކަތް ފަށާފައެވެ. އަތޮޅުގައި ހުރި ފަރުތަކާއި ފިނޮޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދޫކޮށްގެން ނަފާ ނެރެން ފަށައިފިއެވެ. މިމަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވީ، ކައުންސިލްގެ ވިސްނުމާ އެއްގޮތައް އެމަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން އެންމެބޮޑު އިސްކަމެއް ދެނީ މާލީގޮތުން ކައުންސިލަށް ޢާމްދަނީއެއް ނެރެވޭނެ ގޮތްތަކެއް ހޯދަންކަމަށް އަފްރާޙް ވިދާޅުވިއެވެ.

ބ.އަތޮޅުގައި މީގެކުރިން ދާނެ މީހަކު ދާން ރިސޯޓްތަކުން ފަތުރުވެރިންނަށް ވިއްކާނެގޮތަކަށް ވިއްކަން ބޭނުން ކުރި ފިނޮޅުތައް ކުއްޔަށްދީގެން އަހަރަކު 2.5 މިލިއަންރުފިޔާގެ އާމްދަނީއެއް އެ ކައުންސިލަށް ވެއްދުމަށް މިހާރުދަނީ ތައްޔާރުވަމުންނެވެ. އަފްރާޙް ވިދާޅުވީ ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ 7 ފިނޮޅުގެ ތެރެއިން 6 ފިނޮޅު އެކި ފަރާތްތަކުން ކުއްޔަށް ނަގާފައިވާކަމަށެވެ. މިހާރު ކުރަމުންދަނީ ފިނޮޅުތައް ހަވާލުކުރުމުގެ އެއްބަސްވުމުގެ މަސައްކަތް ކަމަށާ، މިއެއްބަސްވުންތަކުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެކަމަށެވެ.

ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ތަންތަނަކީ ލަނޑާ ގިރާވަރު ރިސޯޓުގެ އިރުމަތީގައާއި ހުޅަނގުން އޮންނަ ގިރާވަރު ދެ ފިނޮޅާއި ވިލިނގިލި ފަރު ފިނޮޅު (ރޯޔަލް ފިނޮޅު)އާއި ހޮރުބަދޫ ބިންމަތި ފަރުފިނޮޅާއި ދޫގަނޑު ފިނޮޅުގެ އިތުރުން ނުރަ އުފުރިފަރު ފިނޮޅެވެ. މީގެ އިތުރުން ކުއްޔަށް ނުނަގާ އޮތް ހަމައެކަނި ފިނޮޅަކީ ކަށިދުއްފަރު ފިނޮޅެވެ.

އެތަން ދޫކުރުމަށް ތިން ފަހައްރެއްގެ މަތިން ވަނީ އިއުލާންވެސް ކޮށްފައެވެ. މީގެތެރޭގައި ހިމެނޭ ހޮރުބަދޫ ބިންމަތި ފަރު ފިނޮޅު ފަޅު މެރިކަލްޗަރއަށް ދޫކުރުމަށްވެސް ކައުންސިލުން ވަނީ ނިންމާފައެވެ. އެ ކައުންސިލުން ވިދާޅުވީ ކުރިން ބަޔަކު ޝައުގުވެރިކަން ފާޅުކުރިނަމަވެސް އެކަށީގެންވާ އަގެއް ނުލިބޭތީ އެފަހަރުގެ އިއުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މި މަސައްކަތްކުރުމަށް އެ ފަރު ދޫކުރަނީ 25 އަހަރުގެ ދިގު މުއްތަކަށެވެ. ފިނޮޅުތައް ކުއްޔަށް ދެނީ 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މުއްދަތު އިތުރު ކުރުމަށް ވިސްނާނީ އެއް އަހަރު ދުވަހުގެ ތަޖުރިބާއަށް ބަލާފައިކަމަށް އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވިއެވެ.

ބ.އަތޮޅުގައި 17 ރިސޯޓެއް އޮޕަރޭޓް ކުރަމުންދާއިރު، އިތުރު 7 ރަށެއްގައި ދަނީ ރިސޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެތައް ބައިވަރު ގެސްޓް ހައުސްތަކެއް އަތޮޅުގެ ރަށްތަކުގައި ހިންގަމުން އަންނައިރު، ކައުންސިލްގެ އެންމެބޮޑު ކަންބޮޑުވުމަކީ އޭގެ މާލީ ފައިދާއެއް ކައުންސިލްތަކަށް ނުކުރުމެވެ. އެހެން ކަމުން މި ރަށްތަކުން އަތޮޅުގެ ރައްޔިތުންނަށް މަންފާއެއް ނުކުރާ ކަމަށްބުނެ، މިހާރު އެކި ކަންކަމަށް ދޫކޮށްފައިހުރި ރަށްތަކުގެ އިތުރުން އިތުރު އެއްވެސް ރަށެއް އެއްވެސް ބޭނުމަކަށް ދޫނުކުރުމަށް ކައުންސިލުން ވަނީ ޤަރާރެއްވެސް ނެރެފައެވެ. އެއީ ލާމަރުކަޒީ ޤާނޫނުން އެކަންކަން ކުރުމަށް އަތޮޅު ކައުންސިލްތަކަށް ލިބިދޭ ބާރުގެދަށުންނެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވަމުންދާ ތަންތަނުގައި ވެށީގެ ގޮތުން މުއްސަނދި އެތައް ތަނެއް ވިއްކައިގެން ކައުންސިލްތަކަށް ނަފާނެރެވިދާނެއެވެ.

ބ.އަތޮޅު ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދިނީ ލާމަރުކަޒީ ޤާނޫނުން އެ ކައުންސިލްތަކަށް ލިބިދިން ބާރުގެ ބޭނުން ރައްޔިތުންނަށް ފައިދާ ކުރުވަނިވި ގޮތަކަށް ހިފާށެވެ. އެއީ އެފަދަ ތަންތަން އެކިއެކި ބޭނުންތަކަށް ކުއްޔަށް ދީގެން މާލީގޮތުން ކައުންސިލަށް ފައިދާ ނެރެވޭނެކަމަށް ޤަބޫލް ކުރާތީއެވެ.