ދިވެހި ބޭސްވެރިކަމަކީ ދިވެހީންގެ މަދަނިއްޔަތާއި ދިވެހި ރަށްވެހިކަމާ ގުޅިފައިވާ އަގުހުރި ތަރިކައެކެވެ. އެކަން އުވިދިޔަ ނުދިނުމަކީ ދިވެހި ބޭސްވެރިކަން ކުރާ ފަރާތްތަކުގެ އެންމެ ބޮޑު އުންމީދެވެ.
ދިވެހި ބޭސްވެރިކަމުގައި ބ. އަތޮޅު ކެންދޫއަކީ ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ނަން މަޝްހޫރު ރަށެކެވެ. ވަކިން ޚާއްސަކޮށް އެރަށް މަޝްހޫރު ވެފައި އޮންނަނީ އާތްރިޓިސް ނުވަތަ ރާއްޖެ ބަލީގެ ފަރުވާއަށެވެ.
ކޮންމެއަކަސް ރާއްޖޭގައި ދިވެހި ބޭސްވެރިކަމަށް އެންމެ މަޤުބޫލު އެއްރަށަށް ކެންދޫ މިއަދު ވަނީ ވެފައެވެ. އެރަށުން ދިވެހި ބޭސް ވެރިކަމުގެ ފަރުވާއަށް އެދި އޮންނަ ކިޔޫ ދިގެވެ. ކެންދޫއަކީ ރާއްޖެ ބަލީގެ ފަރުވާ ދޭ ރަށެއްގެ ގޮތުގައި ކުރިން މަޝްހޫރުވެފައިވީނަމަވެސް ަނމަވެސް މިހާރު ލޮލުގެ ބަލިތައް ފިޔަވައި އެހެން ހުރިހާ ބައްޔަކަށް ދިވެހިބޭސް މިރަށުގައި ކުރެއެވެ.
ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވަމުންދާ މި ދުވަސްވަރު ކެންދޫ ކައުންސިލުން މިވަނީ މުހިއްމު އިސްނެގުމެއް ނަގާފައެވެ. މިއީ އެރަށުގައި ދިވެހި ބޭސްވެރިކަން ކުރާ ފަރާތަތަކުން ދެކެމުން އައި ހުވަފެން ހަޤީގަތަކަށް ހެދުމަށް ފެށުނު ފުރަތަމަ މަސައްކަތެވެ.
ކެންދޫ ކައުންސިލުން މި މަސައްކަތް ފެށީވެސް ވަރަށް ތަފާތުކޮށެވެ. އެންމެ ފުރަތަމަވެސް ބެލީ ރަށަށް އަންނަ ފަރާތްތަކަށް މަރުހަބާ ކިޔުމަށް ޚާއްސަ ތަނެއްއަޅާށެވެ. އެއީ ކެންދޫ ފްރަންޓް އޮފީހެވެ. އެތަން މެދުވެރިކޮށް ރަށާ ގުޅޭ މަޢުލޫމާތު ފުރިހަމައަށް ލިބިގެންދާނެއެވެ.
މި ފްރަންޓް އޮފީހުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެންދޫ ކައުންސިލްގެ ރައީސް އިބްރާޙިމް އަބްދުއްރަޙްމާން ވިދާޅުވީ، މި އިމާރާތުގެ އެންމެ ބޮޑު އެއްބޭނުމަކީ ބޭސްވެރިކަމުގެ ޙިދުމަތް ހޯދުމަށް އަންނަ މީހާ ވާނުވާ ނޭންގި ބަނދަރުގައި މަޑު ކުރަންޖެހޭޖެހުން ނިމުމަކަށް ގެނައުންކަމަށެވެ.
"އެތައް ބަޔަކު ރޭގަނޑު ދަންވަރުވެސް އެބައާދޭ އެމެޖެންސީކޮށް މި ޙިދުމަތް ހޯދުމަށް. ކައުންސިލާ ބޭސް ކުރާ ފަރާތްތަކަށް ހުރިހާ ވަގުތެއްގައި ފޯނު ނުނެގިދާނެ. މި ފްރަންޓް އޮފީސް މެދުވެރިކޮށް ޙިދުމަތް ހޯދުމަށް އަންނަ ފަރާތާ ހަވާލުވެ އެތަން މެދުވެރިކޮށް އެ ޙިދުމަތް ފޯރުކޮށްދިނުން މައިގަނޑު އެއްބޭނުމަކީ" ކެންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މި ފްރަންޓް އޮފީހަކީ 24 ގަޑި އިރު ޙިދުމަތް ދޭ ތަނެކެވެ. މިއީ ރާއްޖޭގެ ރަށެއްގައި ކައުންސިލަކުން އަލަށް ފެށި މަސައްކަތެކެވެ. އާއްމުކޮށް ފްރަންޓް އޮފީސްތައް ހުންނާނީ ރަށްރަށުގެ ގެސްޓްހައުސްތަކާއި ރިސޯޓްތަކުގައި އެކަންޏެވެ.
ކެންދޫ ކައުންސިލުގެ ވިސްނުން ހުރީ ރާއްޖެއިން ބޭރަށްވެސް ކެންދޫގެ ދިވެހި ބޭސްވެރިކަން ފުޅާ ކުރުމަށެވެ. އެގޮތުން މިހާރުވެސް ބޭރުގެ ފަރާތްތަތަކަށް ބޭސްވެރިކަމުގެ ފަރުވާ ދީފައިވާކަމަށް އެރަށު ކައުންސިލްގެ ރައީސް އިބްރާޙިމް އަބްދުއްރަޙްމާން ވިދާޅުވިއެވެ. ފަރުވާދިން އެންމެވެސް ރަނގަޅުވުމުން މި ބޭސްވެރިކަމާމެދު އެމީހުން ހިތްހަމަޖެހޭކަމަށް އެފަރާތްތަކުން ފާހަގަކޮށްފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ދިވެހި ބޭސްވެރިކަމުގެ ފަތުރުވެރިކަން މިއީ އެރަށުގައި ބޭސްވެރިކަން ކުރާ ފަރާތްތަކުން ދެކެމުން އައި ވަރަށްބޮޑު ހުވަފެނެކެވެ. އެކަން ހަޤީގަތަކަށް ހެދުމަށް ކައުންސިލުން ކުރަމުން ގެންދާ މަސައްކަތައް އެރަށުގެ ބޭސްވެރިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ދިވެހި ބޭސްވެރިކަމުގެ ފަންނު އާލާކޮށް، މި ބޭސްވެރިކަން ކެންދޫގައި ކުރާތާ މިހާރު އެތައް އަހަރު ތަކެއް ވެއްޖެއެވެ. އެހެން ކަމުން ކައުންސިލުން މި ނެގި އިސްނެގުމަކީ އަންނަ އޮތް ޖީލުތަކަށް މި ބޭސްވެރިކަން ފޯރުކޮށްދިނުމަށް ހުޅުވޭ ދޮރެއްކަމަށްވެސް އެރަށުގައި މި މަސައްކަތުގައި އެންމެ ގިނަދުވަސްވީ އަދި މިހާރުވެސް ބޭސްވެރިކަން ކުރާ އާމިރާ އުސްމާން ބުންޏެވެ.
ދިވެހި ބޭސްވެރިކަން އާލާކޮށް ކުރިއެރުވުމަށްޓަކާ، ދިވެހި ބޭސްވެރިކަން ދަސްކޮށްދިނުމާއި، ފަރުވާދިނުމަށްޓަކައި ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓެއް ހެދުމަކީވެސް ކެންދޫ ކައުންސިލްގެ އަމާޒެކެވެ.
ފަތުރުވެރިކަމުގެ ސިނާއަތް މިހާރު ބައްޓަން ވެފައި އޮތްގޮތުން އެރަށެއްގައި އޮތް ކަމެއް ވިއްކައިގެން ނަފާ ނެރުމުގެ ޒަމާން މިހާރުވަނީ ރާއްޖޭގައި ފެށިފައެވެ. ބައެއް ރަށްރަށުން އަންނަނީ ރީތި ގޮނޑުދޮށްތަކާ ދޮންވެލި ފިނޮޅުތަކާ، މުރަކައިގެ ދިރުންތަކާއި މުއްސަނދި ފަރުފަރުތަކުން ނަފާ ހޯދަމުންނެވެ. ކެންދޫއިން ވިއްކާނީ އެރަށުގެ ދިވެހި ބޭސްވެރިކަމެވެ.