މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ރިޒާރވް ބޭންކް އޮފް އިންޑިއާއާއެކު 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރާއްޖެއާ އިންޑިއާއާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް ނުވަތަ ފައިސާ ބަދަލުކުރުމުގެ މި އެއްބަސްވުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޑެޕިއުޓީ ގަވަރުނަރު އަޙްމަދު އިމާދެވެ.
އެމް.އެމް.އޭއިން ވިދާޅުވީ، މި އެއްބަސްވުން ހަމަޖެހިގެންދާނީ މިހާރުވެސް އަމަލުކުރަމުންދާ 'ފްރޭމްވާރކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޮ ސާކް ކަންޓްރީސް' ގެ ދަށުން ކަމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން، ކުރު މުއްދަތުގައި ރާއްޖެއަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ގޮތް ހަމަޖެހި، 200 މިލިއަން ޑޮލަރާ ހަމައަށް އެކި ފަހަރު މަތިން ފައިސާ ނެގުމުގެ އިޚްތިޔާރު ލިބިގެންދާނެ ކަމަށް އެމް.އެމް.އޭއިން ހާމަކުރެއެވެ.
The Maldives Monetary Authority signed a US$200 million Currency Swap Agreement with the Reserve Bank of India.https://t.co/PPizbcyRy5 pic.twitter.com/2BlGRyRykZ
— MMA (@MMA_Maldives) December 8, 2022
ރާއްޖެއާއި އިންޑިއާ އާއި ދެމެދު 2019 ވަނަ އަހަރުގެ ތެރޭގައިވެސް ވަނީ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. 400 މިލިއަން ޑޮލަރުގެ އެ ސްވޮޕް އެގްރީމަންޓަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ޕެކޭޖުގެ ބައެކެވެ.
އިންޑިއާއިން ދަނީ ރާއްޖެއަށް މާލީގޮތުން ތަފާތު އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ މަހުގެތެރޭ އެ ޤައުމުން ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް، ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ.
މި ފައިސާގެ އެހީ ފޯރުކޮށްދީފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސް.ބީ.އައި އަށް ދޫކުރާ ޓްރެޝަރީ ބޮންޑް ސޭލްއެއް މެދުވެރިކޮށެވެ. އަދި އިންޑިއާއިން މި އެހީ ދީފައިވަނީ އެއްވެސް ޝަރުތަކާއިނުލާ، ސަރުކާރަށް ފެންނަ ގޮތުގައި އިސްކަންދީގެން ޤައުމަށް މިވަގުތު ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ޙަރަދުކުރުމަށެވެ. މި ފައިސާގެ އެހީއަށް އިންޑިއާއިން ވަނީ އެސް.ބީ.އައިއަށް ސޮވެރެއިން ގެރެންޓީ ފޯރުކޮށްދީފައިއެވެ.