އައްޑޫ ސިޓީގައި ކުނިން ކަރަންޓް އުފައްދާއި ނިޒާމް ޤާއިމްކޮށް މިފެށޭ މަހު އޮޕަރޭޝަނަށް ގެންނައުމަށް މަސައްކަތް ކުރަމުންދާކަމަށް އައްޑޫ ސީޓީ ކައުންސިލުގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އައްޑޫގެ ރަށްތަކަށް ދިމާވެފައި އޮތް ކުނީގެ މައްސަލަ ހައްލު ކުރުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކުނީގެ މައްސަލައަކީ އެންމެ ކުރިންސުރެވެސް އައްޑޫއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަކަމަށާއި އެކަން މިއަންނަ އަހަރު ހައްލު ވެގެންދާނެކަމަށެވެ.
އަލީ ނިޒާރު ވިދާޅުވީ ކުނީގެ މައްސަލަ ހައްލު ކުރުމަށް މީގެ ކުރިން މަސައްކަތްތަކެއް ކުރިނަމަވެސް އެކަން ދެމެހެއްޓެނިވި ގޮތެއްގައި ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށެވެ. މޭޔަރު ވިދާޅުވީ މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކައުންސިލާއި ސަރުކާރާއި ގުޅިގެން ކުރަމުންގެންދާ މި މަސައްކަތުން އައްޑޫ ސިޓީއަށް ކުރިމަތިވެފަައި އޮތް ކުނީގެ ޒަމާންވީ މައްސަަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށެވެ.
""މީ ބޮޑު މައްސަލައެއް މިކަމަށް ދާއިމީ ހައްލެއް ހޯދަން މިހާރުމިވަނީ ފަށާފައި ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނި ނައްތާލާ އެކުނިތަކުން 1.5 މެގަ ވޮޓްގެ ކަރަންޓް އުފެއްދޭ ނިޒާމަކާއެކު އޯގަސްޓްމަހު އޮޕްރޭޝަނަށް ގެންނެވޭތޯ މިމަސައްކަތް ކުރަނީ"އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު
ކުނިން ހަކަތަ އުފައްދާ ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ "ވޭސްޓް ޓު އެނަރޖީ" ނިޒާމު ޤާއިމުކުރަނީ އައްޑޫ ސިޓީގައެވެ. މިއީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޑިޒައިން ކުރެވިފައިވާ ޕްލާންޓެކެވެ.
1.5 މެގަ ވޮޓްގެ ކަރަންޓް އުފައްދާ މިޕްލާންޓުން އުފައްދާ ކަރަންޓްގެ 1 މެގަވޮޓު އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑާއި ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 500 ކިލޯ ވޮޓު ބޭނުން ކުރާނީ މިފެސިލިޓީ ހިންގަންކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.
މިހާރު އައްޑޫގައި ކުނި ނައްތާލުމަށް ހަދާފައިވާ ކުނިއެޅުމަށް ހާއްސަކޮށްފައިވާ މަރުކަޒުގައި ކުނިތައް ގިނަވެގެންގޮސް ކުނީގެ ބޮޑެތި ފަރުބަދަތައް ވަނީ ހެދިފައެވެ. ސިޓީ ކައުންސިލުން ބުނީ މިގޮތަށް މިތަން ހުރުމުން އަލިފާން ރޯވެ ނިއްވާލުމަށްވެސް ދަތިތަކާއި ކުރިމަތިވަމުންދާކަމަށެވެ. އަދި ކުނިކޮށި ފުރި، ކުނި ނުވާ ޒާތުގެ ކުނި ނައްތާނުލެވި ގިނަދުވަސްވާރަކަށް މިކުނި ކޮށްޓަކީ ތޮއްޖެހުން ދާނީ އިތުރުވަމުންކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.