ޚަބަރު

ލ.ގަމުން ދޫކުރަން ނިންމާފައިވާ 400 ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން ބާއްވައިފި


ލ.ގަމުން ދިރިއުޅުމަށް ދޫކުރަން ނިންމާފައިވާ 400 ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން ބާއްވައިފިއެވެ.

ލ ގަމުން ގޯތި ދޫކޮށްފައިވަނީ ގަމުގެ ތިން އަވަށުގެ އެކި ސަރަހައްދުތަކުންނެވެ. ގަމުން ދިރިއުޅުމަށް ދޫކޮށްފައިވަނީ 4000 އަކަފޫޓްގެ ގޯތިތަކެވެ.

ލ. ގަމު ކައުންސިލް ރައީސް އަހްމަދު ޒަކީ ވިދާޅުވީ އެރަށުގައި އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ ކުރީގެ ކައުންސިލުން ކަމަށާއި، އޭރު ދޫކުރީ 2000 އަކަފޫޓްގެ ގޯތިކަމަށެވެ. ނަމަވެސް އޭރުދޫކުރި ގޯތިތައް ކުޑަވުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ އިންތިހާއަށް އައިސްފައިވާތީ އޭރު ދޫކުރި ގޯތިތަށް ބާތިލްކޮށް އަލުން ގޯތި ދޫކުރީ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލް ރައީސް އަހްމަދު ޒަކީ ވިދާޅުވީ މިފަހަރު ގޯތި ދޫކުރީ ރަށުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލްގެނެސް ގޯތީގެ ބޮޑުމިން 4000 އަކަފޫޓަށް ބަދަލުކޮށްގެން ކަމަށެވެ.

އަހުމަދު ޒަކީ ވިދާޅުވީ ރަށުން ގޯތި ބޭނުންވާ ވަރަށް ގިނަ ފަރާތްތައް އަދިވެސް ތިބި ކަމަށާއި ރަށުގައި ގޯތި ދޫކުރުމަށް ބިންވެސް އެބަ އޮތް ކަމަށެވެ. އެހެންކަމުން ގޯތި އިތުރުބުރެ ފަހުން ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.