ޚަބަރު

މާޅެންދޫއާއި ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމުގެ ނިމުން ރައީސް އިފްތިތާޙްކޮށްދެއްވައިފި


  • މާޅެންދޫއާއި ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަސައްކަތް ކޮށްފައިވަނީ އެމްޑަބްލިއުއެސްސީން

  • ކުޑަފަރީ ފުޓްސަލް ދަނޑު ރައީސް ވަނީ ހުޅުވާދެއްވާފަ

  • ރައްޔިތުން މިހާރު އަންނަނީ ފެނާ ނަރުދަމާގެ ޚިދުމަތް ބޭނުންކުރަމުން

ނ.މާޅެންދޫއާއި ކުޑަފަރީގައި ސަރުކާރުން ކުރިއަށްގެންދެވި ފެނާ ނަރުދަމާގެ މަސައްކަތުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި މަޝްރޫއުގެ ނިމުން އިފްތިތާޙްކުރައްވާފައިވަނީ ރައީސުލްޖުމްހުރިއްޔާ ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުހައްމަދު ޞަލިހް ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ނ. މާޅެންދޫއަށެވެ. އެއަށްފަހު ކުޑަފަރީއަށް ވަޑަައިގެންނެވިއެވެ. މި ދެރަށަށް ވަޑައިގަންނަވާ ރައީސް ސާލިހު ވަނީ ފެނާއި ނަރުދަމާގެ މަސައްކަތުގެ ނިމުން އިފްތިތާޙްކުރައްވާފައެވެ. މި ދެރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީންނެވެ.

ސަރުކާރުން އެމްޑަބްލިއުއެސްސީއާ ޙަވާލުކުރައްވައިގެން މާޅެންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫޢުއަކީ 42.9 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.

ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 72.8 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކެއްގެ ހޮޅިއެއް ވަނީ ވަޅުލާފައެވެ. އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދީ ފެން އުފެއްދުމަށްޓަކައި 2 އާރު.އޯ ޕްލާންޓްވެސް ވަނީ ބަހައްޓާފައެވެ.

ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކްގެ ހޮޅިއެއް ވަޅުލާފައިވެއެވެ. އަދި ސީ އައުޓްފޯލްއަޅާ ގޭގެއަށް މި ޚިދުމަތް މިހާރު ވަނީ ގުޅާފައެވެ. އަދި މާޅެންދޫގެ ރައްޔިތުން އަންނަނީ ފެނާ ނަރުދަމާގެ ޚިދުމަތް ބޭނުންވެސް ކުރަމުންނެވެ.

ނ.ކުޑަފަރީގެ ފެނާ ނަރުދަމާގެ މަޝްރޫޢުގެދަށުން އެރަށުގައި 9.5 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް އަޅާ 8.1 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ވަނީ އަޅާފައެވެ. ކުޑަފަރީ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށާފައިވަނީ 2019ވަނަ އަހަރުއެވެ. ފެނުގެ ޕްރޮޖެކްޓްގެދަށުން ރަށުގައި އާރްއޯ ޕްލާންޓާއި ވާރެފެން ރައްކާކުރާ ޓޭންކް ބަހައްޓާ ގޭގެއަށް ނެޓްވަރކް އަޅާފައެވެ. ނަރުދަމާގެ މަސައްކަތުގެ ދަށުން 2 ޕަމްޕް ސްޓޭޝަނާއި، ސީއައުޓްފޯލް އަޅާ ރަށުގެ 112ގެއަށް ނެޓްވަރކް ވަނީ ގުޅާފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ކުޑަފަރީ ފުޓްސަލް ދަނޑު ރަސްމީގޮތުން ހުޅުވާދެއްވާފައެވެ.