ޚަބަރު

އައިއޭއެކްސް ސަބްމެރިން ކޭބަލް މެދުވެރިކޮށް އަންނަ އަހަރުކުރީކޮޅު ޚިދުމަތް ފެށުމަށް މަސައްކަތްކުރަނީ


  • އައްނައަހަރު ފެށޭއިރު ސަބްމެރިން ކޭބަލްއިން އިންޓަރނެޓް ދިނުމަށް ދަނީ ތައްޔާރުވަމުން

  • ކޭބަލްގެ ސަަބަބުން ސަރުކާރުން އިންޓަރނެޓައް ކުރާ ހަރަދު ބޮޑުތަނުން ކުޑަވާނެ

  • ސަބްމެރިން ކޭބަލް ގުޅާލުމުގެ ސަބަބުން ގިގަބައިޓް ސްޕީޑްގައި ރާއްޖޭގެ އިދާރާތައް ގުޅާލެވޭނެ

އޯޝަން ކަނެކްޓް މޯލްޑިވްސް، އައިއޭއެކްސް ސަބްމެރިން ކޭބަލުން އަންނަ އަހަރު ފެށޭއިރު އިންޓަރނެޓުގެ ޚިދުމަތް ދޭން ފެށުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ. އިންޑިޔާ އޭޝިޔާ އެކްސްޕްރެސް ސަބްމެރިން ކޭބަލް މިމަހުގެ 11 ވަނަ ދުވަހު ވަނީ ރާއްޖެއަށް ގެނެސް އެއްގަންކޮށްފައެވެ.

އެ ސަބްމެރިން ކޭބަލް މެދުވެރިކޮށް އިންޓަރނެޓު ޚިދުމަތް ދިނުމަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރ ރިޔާޒް މަންސޫރު ވިދާޅުވީ، މި ސަރުކާރުގެ ވަދުއާއި އެއްގޮތައް އިންޓާރނެޓްގެ އަަގު މިހާރު ހެޔޮކޮށްފައިވާކަމަށެވެ. ރިޔާޒް ވިދާޅުވީ އިންޓަރނެޓްގެ ހިދުމަތް ޕްރައިވެޓް ސެކްޓަރއިން ދެމުން އަންނަނީ ވަރަށް ރަނގަޅައްކަމަށާއި، އެހެންނަމަވެސް މިހާރު ކަނެކްޝަންތަކަކީ އެހެން ގައުމަކުން ނަގާފައިވާ ކަނެކްޝަންތަކަށްވުމުން އިންޓަރނެޓް ފޯރުކޮށްދިނުމުގެ ޚަރަދު ބޮޑުކަމަށެވެ.

ރިޔާޒް ވިދާޅުވީ މީގެކުރިންވެސް ސަބްމެރިން ކޭބަލް އަޅާފައި ހުރީ އިންޑިއާ ލަންކާއައް ކަމަށާއި އެ ކޭބަލްތައް ގުޅިފައިވަނީ އެ ސަރަހައްދުގެ ކޮމާޝަލް މުވާސަލާތީ ކުންފުނިތަކާކަމަށެއެވެ. ނަމަވެސް އޭގެބަދަލުގައި ބައިނަލްއަގްވާމީ ކޭބަލާއި ގުޅުވާލައިގެން އިންޓަރނެޓުގެ ޚިދިމަތް ރާއްޖޭގައި ދޭންފެށުމަކީ އަގަށާއި ކޮލިޓީއަށް ބޮޑު ބަދަލެއް އަންނާނެކަމެއްކަން ރިޔާޒް ފާހަގަކުރެއްވިއެވެ. ރިޔާޒް ވިދާޅުވީ މި ގުޅާލެވޭ ކޭބަލްގެ ސަބަބުން އިންޓަރނެރޓްގަތުމަށް ބޮޑުތަނުން އަގުހެޔޮވެގެން ދާނެކަމަށެއެވެ.

ރިޔާޒް ވިދާޅުވީ މަސައްކަތްކުރައްވަމުން އަންނަނީ އައު ސަބްމެރިންކޭބަލް މެދުވެރިކޮށް އަންނަ އަހަރުގެ ކުރީކޮޅު އިންތަރނެޓުގެ ޚިދުމަތް ފެށުމަށްކަމަށެވެ. އެކަންކުރާނީ އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްގެންކަމަށާއި، ސަރުކާރުން އިންޓަރނެޓުގެ ވިޔަފާރީގެ ތެރެއަށް ނުވަންނާނެކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

" ކުރިއައް ކުރަން ހުރި ކަންކަމަކީ އަޅުގަނޑުމެންގެ ކުރިމަގުގައި އެބައޮތް ރާއްޖޭގައި މުނިސިޕަލް ނެޓްވޯކެއް އެޅުން. ބައްލަވާ ގިނަ ފަރާއްތަކަށް ނޭނގިދާނެ އަޅުގަނޑުމެންގެ މުވާސަލާއީ ސެކްޓަރ ރީޖަނަލީ ބަލާލާފިއްޔާ ވަރަށް ކުރި އަރާފައި މިއޮތީ. އެހެންނަމަވެސް އަދިވެސް އަޅުގަނޑުމެންގެ 15 އިންސައްތަ އާބާދީއަށް ފިސްޓް ބްރޯޑްބޭނޑް ނުލިބޭ. ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ފަރާތަކަށްވެސް ލިބެން ޖެހޭނެ އިނގޭތޯ. އެއްވެސް ފަރާތެއް ޑިޖިޓަލް އިގްތިޞާދުން ބީވެގެން ގޮސްގެން ނުވާނެ" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ރާއްޖޭގައި ދެމުންގެންދާ ހިދުމަތުގެ ކޮލިޓިއަށް ބަލާއިރު ވަރަށް ރަނގަޅުކަމަށެއެވެ. އެގޮތުން މި ކޭބަލް އެޅި ޑޭޓާރ ސެންޓަރުތައް އެޅުމުން ރާއްޖޭގެ އެކި ސިނާއަތްތަކަށް އެކަމުގެ ފައިދާކުރާނެކަމަށެވެ. އަދި އީޖާދީ އެކި އެކި މަސައްކަތް ކުރެވޭނެ މާހައުލެއް ރާއްޖޭގައި ޤާއިމްވެގެންދާނެކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ގުޅައިލެވިފައި ވަނީ ހުޅުމާލޭގައި ހުންނަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކެބަލް ލޭންޑިންގ ސައިޓާއެވެ. މިއީ ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް އަގުހެޔޮކޮށް, ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުގެ ދަށުން, މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އިސްނެގުމަކަށް ކޮށްފައިވާ މަސައްކަތެކެވެ.

އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ގުޅާލުމުގެ ސަބަބުން ގިގަބައިޓް ސްޕީޑްގައި ރާއްޖޭގެ އިދާރާތައް ގުޅާލެވޭނެއެވެ. އަދި އިދާރާތައް ގުޅާލުމަށް ހިނގާ ޚަރަދު ބޮޑުތަކުން ކުޑަ ކުރެވި، ރާއްޖޭގައި ވިލުންތެރި މުވާސަލާތީ ވިއުގައެއް ޤާއިމުކުރެވި، ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އޯސީއެމްއަކީ ސަރުކާރުގެ %100 ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ. ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ.