ޚަބަރު

ވިނަރެސް ފްލެޓްތަކުގެ ތަޅުދަނޑި މާދަމާ ހަވާލުކުރަނީ


  • ވިނަރެސްގައި ހިމެނެނީ 1344 ފްލެޓު

  • ތަޅުދަނޑި ހަވާލުކުރުމަށް މާދަމާ ހަވީރު ޚާއްސަ ރަސްމިއްޔާތެއް ބާއްވާނެ

  • ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.52 މިލިއަނާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގައި

ވިނަރެސް މަޝްރޫޢުން ފްލެޓް ލިބުނު މީހުންނާއި މާދަމާ ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.

ތަޅުދަނޑި ހަވާލުކުރާނީ މާދަމާ ހަވީރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެކަމަށްޓަކާ ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

ވިނަރެސް ހައުސިން މަޝްރޫޢަކީ ސަރުކާރުން އެޗް.ޑީ.ސީއާ ގުޅިގެން ކުރިއަށްގެންދާ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ. 13 ބުރީގެ 10 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ ވިނަރެސް މަޝްރޫޢުގައި 1344 ފްލެޓު ހިމެނެއެވެ.

ވިނަރެސް މަޝްރޫޢުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އެޗްޑީސީން އިޢުލާންކުރީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. އަދި ވިނަރެސްއިން ފްލެޓް ލިބުނު މީހުންގެ އެގްރިމެންޓްގައި ސޮއިކުރުން ކުރިއަށްގެންދިޔައީ މިދިޔަ މަހުއެވެ.

ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.52 މިލިއަނާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މި ފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކުމުގެ ފުރުޞަތު ދީފައިވެއެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ.

މިމަޝްރޫޢުގައި މުޅިންވެސް ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މިމަޝްރޫޢުގެ ދަށުން ފްލެޓްތައް ޑިޒައިންކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމަންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމަންޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނެއެވެ.

ވިނަރެސްގެ ޔުނިޓްތައް ހަވާލުކުރަނީ ފިނިޝިން ހުރިހާ މަސައްކަތްތައް ނިންމުމަށްފަހުއެވެ.

މި ޕްރޮޖެކްޓްގައި ވަނީ ހިޔާއިން ފްލެޓް ދޫކޮށްލި މީހުންނާއި، ސީލައިފްއާއި ގުޅީފަޅުން ގޯތި ލިބުނު މީހުންނަށްވެސް ފުރުޞަތު ދީފައެވެ.