ޚަބަރު

ފްލެޓު ލިސްޓަށް ޝަކުވާ ހުށައެޅުމަށް އިތުރު 7 ދުވަހުގެ މުއްދަތެއް


  • ފްލެޓު ލިސްޓަށް ޝަކުވާ ހުށައެޅުމަށް އިތުރު 7 ދުވަހުގެ މުއްދަތެއް

  • މުއްދަތު އިތުރު ކުރީ ޝަކުވާ ހުށައެޅުމަށް އިތުރު ފުރުސަތަކަށް މީހުން އެދެމުން ދާތީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދޫކޮށްފައިވާ ފްލެޓްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައަޅަން އިތުރު 7 ދުވަހުގެ ފުރުޞަތު ދެއްވައިފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރުވެސް ޝަކުވާ ހުށައެޅުމަށް އިތުރު ފުރުސަތަކަށް މީހުން އެދެމުން އަންނަކަމަށެެވެ. އެހެންކަމުން ޝަކުވާ ހުށަހަޅަން މިމަހުގެ 24 ފެށިގެން އިތުރު ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ޝަކުވާ ހުށަހަޅަން މުއްދަތު އިތުރުކުރެއްވުމަށްފަހު ދާއިމީ ލިސްޓު އާންމުކުރެއްވުމުގެ ކުރިން ވަގުތީ ލިސްޓުގައި ތިބި ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތާ ގުޅޭ މައުލޫމާތުގެ ސަށްހަކަން ކަށަވަރުކުރައްވާނެކަމަށެވެ.

ސަރުކާރުގެ "ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4000 ހައުސިންގ ޔުނިޓުގެ އެޅުމުގެ މަސައްކަތް އިންޑިއާގެ 2 ކުންފުނިކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެން.ބީ.ސީ.ސީ ލިމިޓެޑާއި ޙަވާލުކުރައްވައިގެން އަންނަނީ ކުރައްވަމުންނެވެ. މި މަޝްރޫޢުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްޤީކުރަމުންނެވެ.

މި މަޝްރޫޢުގެ ހައުސިންގ ޔުނިޓްތައް ބެހިފައިވަނީ ޖުމްލަ 32 ޓަވަރަކަށެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 2 ކޮޓަރީގެ 1200 ހައުސިންގ ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިންގ ޔުނިޓެވެ. މީގެތެރެއިން 2 ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، 3 ކޮޓަރީގެ ޔުނިޓްތަކުގައި 900 އަކަފޫޓު ހުންނާނެއެވެ.

މިއީ 17 ނުވަތަ 18 ފަންގިފިލާގެ ޓަވަރުތަކެވެ. މީގެތެރެއިން 13 ޓަވަރެއްގެ މަސައްކަތް ވަރަށް ބާރަށް މިވަގުތު އަންނަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އޭގެ ތެރެއިން އެއް ޓަވަރުގައި މީހުން ދިރިއުޅެން ހަވާލުކުރުމެވެ.

2.65 ބިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން މާލެ ސަރަހައްދުގައި އިތުރު 4،000 ފްލެޓް އިމާރާތް ކުރުމުގެ މަޝްރޫއެއް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ ވަނީ ހަވާލުކުރައްވާފައެވެ.