ޚަބަރު

ގްރޫޕުތަކުގައި އުޅޭ ކުޑަކުދިން ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން ރިހެބިލިޓޭޓް ކުރަނީ


  • މަސްތުވާތަކެއްޗާއި ގްރޫޕު ހުއްޓުވަން ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރަން ޖެހޭ

  • އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ

  • ސްޕާތަކުގެ ނަމުގައި ހިންގާ ފާހިޝް އަމަލުތައް ހުއްޓުވުމަށް ޚާއްސަ މަސައްކަތެއް ކުރާނެ

ރާއްޖޭގައި ފާހަގަކުރެވޭ ކުށްކުރާ ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފެށުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ ކަމަށް އައްޔަން ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ޝުޖާއު ވިދާޅުވީ ކުށްކުރާ ގްރޫޕުތަކުގެ ބިރުވެރިކަން މާލެ ސަރަހައްދާއި ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި އެބައޮތް ކަމަށާއި މަސްތުވާތަކެއްޗާއި ގްރޫޕުތަކުގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރުމަށް ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ ގްރޫޕުތަކުން 18 ނުފުރޭ ކުޑަކުދިން ރެކްރޫޓު ކުރާ ކަމަށާއި، އެހެންކަމުން އެކުދިން ރިހެބިލިޓޭޓް ކުރުމުގެ އިތުރުން މިފަދަ ގްރޫޕުތަކުގެ ބޮޑުންނާ ހަމައަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވިއެވެ.

"ގްރޫޕުތަކަށް އަމާޒުކޮށްގެން ހިންގާކަންކަމުގެ އިތުރުން ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން އެ ކުދިން ނަގައި އެ ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން އެފަދަ ކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފެށުމަށް ދަނީ މަޝްވަރާ ކުރެވެމުން. މިކަމަށް ފުލުހުންގެ އެއްބާރުލުން ލިބޭނެ. މިއީ މީގެ އަހަރުތަކެއް ކުރިން ފޭދޫ ފިނޮޅުގައި ވަރަށް ކާމިޔާބު ކަމާއެކު ފުލުހުން ހިންގި ކަމެއް،" ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވުމަށް ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިތުރަށް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މަސައްކަތް ކުރި ނަމަވެސް ރައްޔިތުން ބޭނުންވާ ނަތީޖާ ހާސިލެއް ނުވާކަމަށާއި، އެ މަސައްކަތް ކާމިޔާބުވުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަން މިސަރުކާރުން ކޮށްދެއްވާފައިވާ ކަމަށެވެ.

"އެއީ ހޯމް މިނިސްޓްރީގެ އެއް ފުރާޅެއްގެ ދަށުން ހުރިހާ ލޯ އެންފޯސްމަންޓް އެޖެންސީތައް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން މިހާރު ދިމާވާ ކަންކަން ކޯޑިނޭޓުކޮށްގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން. ނަތީޖާއެއްގެ ގޮތުން މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް މޯލްޑިވްސް ކަސްޓަމްސްއާއެކު މަސައްކަތް ކުރުމަށް މިހާރަށް ވުރެ ރަނގަޅަށް ފުރުސަތު ލިބިގެންދާނެ. ރަށްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ހޯދައި އެންޑީއޭއާ ހަވާލުކުރުމުން އެ އެޖެންސީން މިހާރަށްވުރެ ހަރުދަނާކޮށް ކޯޑިނޭޓް ކުރެވޭނެ" ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ޑްރަގް ނެޓްވޯކުތަކުގެ ބޮޑުންނާއި ނަފާ ލިބޭ އެންމެން ހޯދުމުގައި މަސައްކަތް ކުރައްވާނެ ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށަށް ބަނގުރާ އެތެރެކުރާ ސަފާރީތައް ހޯދައި އެކަންކަން ހުއްޓުވުމަށް ޚާއްސަ ސަމާލުކަމެއްދެއްވާނެ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރ ވިދާޅުވިއެވެ.

މީގެ އިތުރުން އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ޚާއްސަ ސަމާލުކަމެއް ދީގެން ބަލާތަން މި ދައުރުގައި ފެންނާނެ ކަމަށާއި މާލެ ސަރަހައްދުގައި ސްޕާތަކުގެ ނަމުގައި ހިންގާ ފާހިޝް އަމަލުތައް ހުއްޓުވުމަށް ޚާއްސަ މަސައްކަތްތައް މިހާރުވެސް ފަށާފައިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި އެފަދަ ވިޔަފާރި ހިންގާ މީހުންނާއި ނަފާ ލިބޭ މީހުން ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވިއެވެ.