ޚަބަރު

ސީމެގް އެޖެންޑާގައި ރާއްޖެ ނުހިމަނަން ނިންމައިފި


ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް ( ސީމެގް ) އެޖެންޑާގައި ދިވެހިރާއްޖެ ނުހިމެނުމަށް އެގްރޫޕުން ނިންމައިފިއެވެ. 

ސީމެގުން މިގޮތަށް ނިންމެވީ، ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، އެގްރޫޕްގެ އެޖެންޑާގައި ރާއްޖެ ހިމަނާނެފަދަ ކަމެއް ނެތުމުންކަމަށެވެ. މިކަމާގުޅިގެން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ފޮރިންގ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ސީމެގެގެ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް މިފަހަރުވެސް ނިންމެވީ، ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ޚާރިޖީ ވަޒީރު ދުންޔާ މައުމޫނާއި، ބަންޑާރަނައިބު މުޙައްމަދު އަނިލް ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ކުރެއްވި މަސައްކަތުން ކަމަށެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ރާއްޖޭގައި ހުރި ޚިޔާލު ތަފާތުވާ ކަންކަމުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަޝްވަރާކުރުމަށް ސީމެގުން ގޮވާލައްވާފައިވާކަމަށެވެ. އަދި ރައީސުލްޖުމުހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ނޭޝަނަލް މާސްޓަރ ޕްލޭނެއްގެދަށުން ކަންކަން އިސްލާހު ކުރެއްވުމަށް ނިނެމެވި ނިންމެވުމަށްވެސް ސީމެގުން މަރުހަބާ ކިޔާފައިވާކަމަށެވެ.

ސަރުކާރުން އިސްނަންގަވައިގެން ފައްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އިސްކޮށް ހުންނަވާ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ ސީމެގްގެ ނިންމެވުމުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބައިވެރިކުރެއްވުމަށް ނިންމެވުމުން ސީމެގުން މަރުހަބާ ވިދާޅުވެފައިވާއިރު، އިދިކޮޅު އެމްޑީޕީން ރައީސް ނަޝީދާއި، ޝެއިޚް އިމްރާން މިނިވަންކުރުމުން ނޫނީ މަޝްވަރާތަކުގައި ބައިވެރި ނުވާނެކަމަށް ވިދާޅުވެފައިވާކަމަށެވެ.