ޚަބަރު

ފަރެސްމާތޮޑާގެ ރައްޔިތުން ތިބީ ރައީސާއެކު ކުރިއަށްދާން ތައްޔާރަށް: ކައުންސިލް ރައީސް


  • ރަށުގެ ބަނދަރު ބޮޑު ކުރާއިރު ޑޮކްޔާރޑެއް އަޅައިދެއްވުމަށްވަނީ އެދިފައި

  • ރަށު ސްކޫލްގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދުނު

  • ރަށުގައި ހުއްޓިފައިވާ ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރެއްވި

ގދ. ފަރެސްމާތޮޑާއަށް ތަރައްޤީ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ކުރިއަށްދާން ރައްޔިތުން ތިބީ ތައްޔާރަށް ކަމަށް އެރަށު ކައުންސިލްގެ ރައީސް އަޙްމަދު އިމްތިޔާޒް ވިދާޅުވެއްޖެއެވެ.

އަޙްމަދު އިމްތިޔާޒް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ފަރެސްމާތޮޑާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އިމްތިޔާޒްވަނީ ފަރެސްމާތޮޑާއަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތުތައް ރައީސްއާ ޙިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ބަނދަރު ބޮޑުކުރުމާއި ބިން ހިއްކުން ސަރުކާރުން މިއަހަރަށް ރާއްވަވާފައި އޮތްކަން ފާހަގަކުރައްވަމުން އިމްތިޔާޒްވަނީ ފަރެސްމާތޮޑާއަކީ މަސްވެރި ރަށެއްކަމުން ރަށުގެ ބަނދަރު ބޮޑުކުރާއިރު އޮޑި އެހެލާ ބާލާނެ ޑޮކްޔަރޑެއް އަޅައިދެއްވުމަށް އެދިވަޑައިގެންފައެވެ.

"މިއީ މަސްވެރިކަމުގެ ސިނާޢަތް ބޮޑު ރަށެއް. ދޯނި ފަހަރުގެ މެއިންޓަނެންސާއި ޑޮކްޔަރޑުގެ ޚިދުމަތް މިވަނީ އިންތިހާއަށް ބޭނުންވެފައި. ފަރެސްމާތޮޑާގެ ބަދަރު ބޮޑުކުރެވިގެންދާއިރު، ޑޮކްޔާޑްގެ ޚިދުމަތް ލިބޭނެ ގޮތަށް، ސްލިޕްވޭއެއް ހަދައިދިނުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް." އިމްޒިޔާޒް ވިދާޅުވިއެވެ.

ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ވިދާޅުވީ މަސައްކަތް ފެށި ގޮތަށް ހުއްޓިފައި އޮތް ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމަވައިދެއްވުމަކީ ޒުވާނުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އެ ރަށުގައި އަޅަމުންދާ ކުޅިވަރު އެކުވެނީގެ މަސައްކަތްވެސް ހުއްޓިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަކީ ވެސް ބޮޑު މައްސަލައެއްކަމަށް ވިދާޅުވިއެވެ. އަދި މިދިޔަ ސަރުކާރުން ވެސް ޖާގައިގެ މައްސަލަ ހައްލުކޮށްދިނުމަށް ކްލާސްރޫމު ބަރިއެއް އަޅައިދޭނެކަމަށް ވަޢުދުވި ނަމަވެސް އެކަން ކޮށްދީފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސްގެ މިޒަޢާމަތުގައި އެކަން ކޮށްދެއްވުމަށް، އިމްތިޔާޒް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ފެނަކައިން ޢިމާރާތްކުރަމުންދާ އިންޖީނުގޭގެ ހުއްޓިފައި އޮތް މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމާއި އެއަރޕޯޓުގެ މަރާމާތު އަވަސްކޮށްދިނުމާއި ސީ އެންބިޔުލާންސްގެ ޚިދުމަތް ފައްޓަވާދެއްވުމަށް ރައީސްގެ ކިބައިން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސްވަނީ އެދިވަޑައިގެންފައެވެ.

އިމްތިޔާޒް ވިދާޅުވީ ފަރެސްމާތޮޑާގެ ރައްޔިތުން ތިބީ ރައީސް ޑރ. މުޢިއްޒާއެކު ސާބިތުވެގެން ކަމަށެވެ. އަދި ރައީސަކީ ޤައުމުދެކެ ލޯބިވާ ދީންވެރި އޯގާތެރި ވެރިއެއްކަމަށް އޭނާ ވިދާޅުވިއެވެ.