ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ވެއާހައުސިންގ ކޮމްޕްލެކްސްއެއް ހުޅުމާލޭގައި ތަރައްޤީކުރުމަށް ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ރޮޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެވެ.
ހުޅުމާލޭގައި ތަރައްޤީކުރާ މި ވެއާހައުސިންގ ކޮމްޕްލެކްސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ހައުސިންގ ޑިވްލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި ރޮޓައިމް އިންޖިނިއަރިންގ ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒޯ ވެއިޑޮންގއެވެ.
އެކި ބާވަތުގެ މުދާ ރައްކާކުރުމަށް ތަފާތު ޔުނިޓްތައް ހިމެނޭހެން ފަރުމާކޮށްފައިވާ މި ކޮމްޕްލެކްސަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ލުއި ފަސޭހަ ވަސީލަތަކަށް ވާނެކަމަށް އެޗް.ޑީ.ސީން ބުނެއެވެ. ވަކިން ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުދާ ރައްކާކުރާނެ އިތުރު ޖާގަ ތަނަވަސްވެ، ވިޔަފާރި ފުޅާކުރެވޭނެ ފުރުޞަތު ތަނަވަސްވެގެންދާނެކަން އެ ކޯރޕަރޭޝަނުން ފާހަގަކުރެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭން ހެދިފައިވާގޮތުން ހުޅުމާލެއަކީ ވަކި ސަރަޙައްދެއްގައި ސިނާއި މަސައްކަތް ތަރައްޤީވެގެން އަންނަ ތަނަކަށްވަމުން ކުދި އަދި މެދުފަންތީގެ ފިޔަފާރިތަކަށް ވަކިވަކިން ފުރުޞަތުދެވެން ނެތްކަމަށެވެ.
އަލަށް ތަރައްޤީކުރާ މި ވެއަރހައުސް ކޮމްޕްލެކްސް ވެގެންދާނީ މުދާ އެއްތަނުން އަނެއް ތަނަށް އުފުލުމާއި ގުދަންކުރުމުގެ މަސައްކަތް މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ އިންޤިލާބީ ބަދަލަކަށްކަމަށް ފަޒުލް ވިދާޅުވިއެވެ.
"ހުރިހާ ކަމެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ކޭޓަރ ކުރާ ވެއަރހައުސް ބިލްޑިންގއަކަށް މި ބިލްޑިންގވާނެ. އެސްއެމްއީތަކަށްވެސް އެއްވެސް ވަރަކަށް އިންވެސްޓް ކުރަން ނުޖެހި އެބޭފުޅުން ތަން ކުއްޔައް ނަގައިގެން އެ ބޭފުޅުންގެ ވިޔަފާރި އިތުރަށް ފުޅާކުރަން ލިބޭ ރަނުގެ ފުރުޞަތަކަށް މިކަންވެގެން ދާނެ" ފަޒުލް ވިދާޅުވިއެވެ.
މި ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އެކި ބާވަތުގެ މުދާ ރައްކާކުރުމަށް ތަފާތު ޔުނިޓްތައް ހިމަނައިގެންނެވެ. އެގޮތުން ކޯލްޑް ސްޓޯރޭޖާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް އަދި ކާނާގެ ބާވަތްތަކާއި، ކޮންޒިއުމަބްލް ރައްކާކުރެވޭ ޔުނިޓްތައް ހިމެނެއެވެ. މީގެ އިތުރުން އޮފީސް ޖާގައާއި ޝޯވރޫމް ހިމެނޭ އިމާރާތެއް މި ކޮމްޕްލެކްސްގައި ހުންނާނެއެވެ. މި ކޮމްޕްލެކްސް އިމާރާތްކުރަނީ އޮޓޮމޭޓެޑް ވެއާހައުސް މެނޭޖްމެންޓް ސިސްޓަމްގެ ވަސީލަތްތައް ހިމަނައިގެންނެވެ.
މި ވެއާހައުސިންގ ކޮމްޕްލެކްސް އިމާރާތްކުރަނީ ޖުމްލަ 2 އިމާރާތަކަށެވެ. މިއިން ކޮންމެ އިމާރާތެއްގައި 4 ފަންގިފިލާ ހުންނާނެއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ 38 މިލިއަން ޑޮލަރަށް 2 އަހަރު ދުވަހުން މަސައްކަތް ނިންމާގޮތަށެއެވެ.