ޚަބަރު

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާޕާސަންކަމަށް ޖިހާދު


  • މި އިދާރާ ރައީސް އުފެއްދެވީ މިއަހަރުގެ ޖެނުއަރީ މަހު

  • މި އިދާރާ ގަވަނިންގ ބޯޑު ވަނީ އެކުލަވާލާފައި

  • އިދާރާ ހިންގާނީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން

"މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ"ގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ޢައްޔަންކުރައްވައިފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފަރިއާ ބެހޭ ވަޒީރު މުޙައްމަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ގަވަނިން ބޯޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާކަމަށެވެ. އަދި އެ އިދާރާގެ ޗެއަޕާސަންއަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ޢައްޔަން ކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެކި އިދާރާތައް ގުޅިގެން ކުރާ މަސައްކަތުން ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރު ހާސިލްކުރެވޭނެކަމަށެވެ.

ޖިހާދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނައިބު ރައީސްގެ މަގާމް އަދާކުރެއްވުމުގެ ކުރިން ފިނޭންސް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.


"މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ އުފެއްދެވި އިދާރާއެކެވެ. މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިންގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިންގ ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށެވެ.

ދިވެހިރާއްޖޭގައި އޯފް-ޝޯ އަދި އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ޤާއިމުކުރުމާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ޙައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައްކުރުމަކީވެސް މި އިދާރާ އުފެއްދެވުމުގެ މަޤްޞަދެކެވެ.