ޚަބަރު

"ލޯތްބަކީ" ކެމްޕެއިން އިފްތިތާޙްކޮށްފި


ގެވެށި އަނިޔާ ހުއްޓުވުމުގެ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން "ލޯތްބަކީ" މިނަމުގައި ޚާއްޞަ ކެމްޕެއިނެއް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން މިއަދު އިފްތިތާޙްކުރައަވައިފިއެވެ.

ތަފާތު ޙަރަކާތްތަކަކާއެކު އާރޓްފިޝަލް ބީޗުގައި މިއަދު ފެއްޓެވި މި ކެމްޕެއިނަކީ ގެވެށި އަނިޔާ ހުއްޓުވައި ދުޅަހެޔޮ ޢާއިލާތަކެއް ބިނާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ގްރޭޑް އަށަކުން ބާރައަށް އަމާޒުކުރައްވާފައިވާ ކެމްޕެއިނެކެވެ. ޢުމުރުން އަށާރަ އަހަރާއި ފަންސަވީސް އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކުރައްވާފައިވާ މި ކެމްޕެއިން މެއި މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްގެންދަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިކެމްޕެއިން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކވަމުން މަޝްހޫރު ޕްރެޒެންޓަރ މަރިޔަމް ވަޙީދާ ވިދާޅުވީ، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން މިފެއްޓެވި ކެމްޕެއިނަކީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެގެންދާ ފަރާތްތައް މަދުކޮށް، އެކަމަށް ހޭލުންތެރިކުރުވުމަށް މުހިންމު ޙަރަކާތެއްކަމަށެވެ. އަދި ލޯތްބާއެކީ މުޖުތަމަޢުގެ ތެރެއަށް އެތައް ކަމެއް އަންނަކަމަށާއި، ކޮންމެ ކުއްޖަކަށްވެސް ޢާއިލާގެ ތެރެއިން ފުރިހަމަ ލޯބި ލިބުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާރުގައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން އަހަރަކު ދެފަހަރު ނެރުއްވުމަށް ހަމަޖެހިފައިވާ "ރިވެލި" މަޖައްލާގެ ފުރަތަމަ ޢަދަދާއި، ހެލްދީ ރިލޭޝަންގެ ނަމުގައި ލުއިފޮތެއްވެސް ވަނީ ނެރުއްވާފައެވެ. އަދި ލޯތްބަކީ ކެމްޕެއިނާ ގުޅުވައިގެން ބޭއްވެވި ކުރެހުމުގެ މުބާރާތުން ވަނަވަނަ ޙާޞިލްކުރި ފަރާތްތަކަށް އެކަމުގެ ލިޔުން ވަނީ ޙަވާލުކުރައްވާފައި. އަދި މިކެމްޕެއިންގެ ތެރޭގައި ވަނީ، ކަމާގުޅުން ހުރި ދާއިރާތަކުން ސްޓޯލްތައް ހަދައި އެސްޓޯލްތަކުންވެސް ހޭލުންތެރިކުރުވުމުގެ ޙަރަކާތްތައް ވަނީ ކުރިއަށް ގެންދަވާފައި.