ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިޓަލީ އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗަކީ ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހިދާނެ މެޗެކެވެ. މެޗުގެ 90 މިނިޓްގައި ދެ ޓީމު އެއްވަރުވެއްނަމަ ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ 15 މިނިޓްގެ ދެ ހާފު ކުޅޭނެ އެވެ. އެވަރުން ވެސް އެއްވަރުވެއްޖެނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީ ފާހަގައިން ބޯޅަ ފޮނުވާލައިގެންނެވެ.
ޔޫރޯގެ ޗެމްޕިއަންކަން އިޓަލީ އެންމެ ފަހުން ވެސް ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. އިޓަލީގައި އުފެދުނު މޮޅު ކީޕަރުން ކަމަށްވާ ޖިއާން ލުއިޖީ ބުފޮން އާއި ފްރެންޗެސްކޯ ޓޯލްޑޯ އާއި ޖިއާންލުކާ ޕަލިއޫކާ އާއި ސެޒާ މަލްޑިނީ ފަދަ މޮޅު ކީޕަރުންގެ ވިދުން ގަދަވީ ޕެނަލްޓީއަށް މޮޅުކަމުންނެވެ.
އުމުރުން 35 އަހަރުގެ ސްވިޒަލޭންޑްގެ ކީޕަރު ޔާން ސޯމާގެ އިސްކޮޅުގައި ހަ ފޫޓު ހުރެ އެވެ. އިޓަލީގެ އިންޓަމިލާނަށް ކުޅެމުން އަންނަ ކީޕަރަކީ ޕެނަލްޓީ އަށް މޮޅު ކީޕަރެކެވެ.
އޭނާ ވަނީ މިހާތަނަށް 95 ޕެނަލްޓީއާ ކުރިމަތިލައި 16 ޕެނަލްޓީ ސޭވްކޮށްފަ އެވެ. އަނެއްކޮޅުން އިޓަލީން ޖެހި ފަސް ޕެނަލްޓީއެއް އޭނާ ދިފާއު ކުރި އެވެ.
މިހެންވެ މިއީ މިރޭގެ މެޗަށް ނުކުންނައިރު އިޓަލީގެ ކުޅުންތެރިން ވިސްނާނެ މުހިންމު ޕޮއިންޓެވެ. ސޯމާ އަކީ ޕްރެކްޓިހުގައި ވެސް އޭނާގެ ޓީމުގެ ކުޅުންތެރިން ވެސް ޕެނަލްޓީ ޖެހުމަށް ފޫހިކުރުވާ ކުޅުންތެރިއެކެވެ. އެއީ ޖަރުމަނު ބަޔާން މިއުނިކަށް ވެސް ކުޅުނު ކީޕަރު ހުންނަ ގޯލުގެ ތިން ދަނޑިން ބޯޅަ އެތެރެކޮށްލަން ކުޅުންތެރިންނަށް ފަސޭހަނުވާތީ އެވެ.
މިއާ ހިލާފަށް އިޓަލީގެ ކީޕަރު ޖިއާން ލުއިޖީ ޑޮނަރޫމާ އަކީ ޕެނަލްޓީ އަށް މާމޮޅު ކީޕަރެކޭ ބުނެވިދާނެ އެވެ. ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ ކީޕަރުގެ އިސްކޮޅުގައި ހުންނަ ހަ ފޫޓު ފަސް އިންޗި އަކީ އޭނާ ހުންނަ ގޯލަށް ދުރުން ޖަހައިގެން ބޯޅަ ވައްދާލަން އެޅޭ އެންމެ ބޮޑު ހުރަހެވެ.
ޑޮނަރޫމާ ވަނީ މިހާތަނަށް 59 ޕެނަލްޓީއާ ކުރިމަތިލައި 21 ޕެނަލްޓީ ދިފާއުކޮށްފަ އެވެ.
އިޓަލީގެ ކުޅުންތެރިންގެ ތެރެއިން ކުރީގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ ބުނީ ޑޮނަރޫމާ ހުއްޓައި ޕެނަލްޓީ ޖަހަން ވިސްނުމަކީ ވެސް ބައެއް ފަހަރު މޮޔަކަމެއް ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ސުވާލުކުރުމުން 25 އަހަރުގެ ކީޕަރު ބުނީ ޕްރެކްޓިހުގައި ބައެއް ކުޅުންތެރިން ޖަހާ ޕެނަލްޓީ މަތަނުކޮށް ދޫކޮށްލާ ކަމަށެވެ.
"އެއީ އެ ކުޅުންތެރިޔާ މާބޮޑަށް ދެރަވެދާނެތީވެ. އޭނާ ހިތްހަމަ ޖައްސާލަން. އޭގެ ސަބަބުން އޭނާގެ ކޮންފިޑެންސް އިތުރުވާނެ. އަހަރެން މަތަކުރަން ޖެހޭނީ އިދިކޮޅު ކުޅުންތެރިޔާ ޖަހާ ބޯޅަ،ޑޮނަރޫމާ ބުންޏެވެ
ގިނަ ބަޔަކު ދެކޭ ގޮތުގައި ދިފާއީ ގޮތުން ވަރުގަދަ މި ދެ ޓީމުގެ މެޗުގައި ޕެނަލްޓީ ޖަހަންޖެހުން ވަރަށް ގާތެވެ.