ޚަބަރު

ކޮލަންބޯގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެމްއީސީން އެހީވަނީ


ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާގައި އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގެ ބިންގަނޑު ކަނޑައިގެން ގޮސް ޙާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމުގެ މަސައްކަތް ސްރީލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު އެމްއީސީސީ ފަށައިފިއެވެ.

ސްރީލަންކާގެ ސޯސަންވިލާގައި ހިންގާ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު އެމްއީސީސީ ބުނީ ސްރީލަންކާގައި ޙާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެހީވުމަށް ފައިސާގެ އިތުރުން ތަކެތިވެސް ހަދިޔާކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން، އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު ދިހަގަޑި ސުންމިނެޓުން ފެށިގެން ރޭގަނޑު ދިހަގަޑި ސުންމިނެޓަށް ސޯސަންވިލާއިން އެހީ ބަލައިގަންނަމުންދާނެ ކަމަށް އެމްއީސީސީ މަޢުލޫމާތުދެއެވެ.

ހަދިޔާކުރާ ތަކެތި ސްރީލާންކާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގައި ޙަރަކާތްތެރިވާ މުސްލިމް ޖަމާޢަތެއް ކަމަށްވާ ޖަމްޢިއްޔަތުއް އުލަމާއިންނެވެ. ސްރީލަންކާގައި ތޭރަ ހާހަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުން ގެންދެއެވެ. މިޙާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވިދާޅުވެއެވެ.

img:http://s2.psmnews.mv/images/660x400/14637615319879.jpg|ސްރީލަންކާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ސަރަހައްދެއް- ފޮޓޯ: ޒިންހުއާ

ތިންދުވަސް ވަންދެން ސްރީލަންކާއަށް ވެހުނު ބޯވާރެއާ ގުޅިގެން ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތަކުގައި ކިސަޑުތަކުގެ ދަށުވެފައިވާ ސަތޭކަ ފަންސާހަށްވުރެ ގިނަ މީހުން ސަލާމަތް ކުރެވޭނެކަމުގެ އުއްމީދު ކުޑަވެފައިވާކަމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިޙާދިސާގައި މިހާތަނަށް 41 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުކުރެވިފައެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ތިން ލައްކަ މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ. ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަޙައްދުގައި ތިން އަވަށެއް އެކީ އޮތީ ފެނުއަޑިގައި ކަމަށާއި މިހިސާބުން ތިންސަތޭކަ ފަންސާހެއްހާ މީހުން ސަލާމަތް ކުރެވިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ޙާލުގައި ޖެހުނު މީހުން ތިބި ވަގުތީ ހިޔަލަކަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ވަޑައިގެން އެމީހުންގެ ޙާލު ބައްލަވާލައްވާފައެވެ.