ޚަބަރު

އަޠުހަރުގެ މަރުގެ މައްސަލައާ، އެމައްސަލައާ ގުޅުންހުރި އިތުރުކަންކަން އެޗްއާރްސީއެމުން ބަލަނީ


  • އަޠުހަރު ހައްޔަރު ކުރުމުގައި ބާރުގެ ބޭނުންކުރި ގޮތް ބަލާނެ

މާލޭގައި އަންހެނަކު ރަހީނުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އާދަމް އަޠުހަރުގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ބަލަން ފަށައިފިއެވެ.

އެޗްއާރްސީއެމްއިން ނެރުނު ޔާނުގައި ވިދާޅުވީ، 29 އޯގަސްޓްވީ ބުރާސްފަތި ދުވަހު އާދަމް އަޠުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ތެރޭގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތާއި، އަދި އޭގެ ފަހުން ހައްޔަރުގައި ހުއްޓާ އެނާ މަރުވުމާއި ހަމައަށް ކަން ހިންގައި ދިޔަގޮތް އެކޮމިޝަނުން ބަލަމުންދާކަމަށެވެ.

ކޮމިޝަނުން ބަލާ ކަންކަމުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ބާރުގެ ބޭނުންކޮށްފައިވާ ގޮތާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދޭން ފުލުހުން ޢަމަލުކުރިގޮތުގެ އިތުރުން، އޭގެ ފަހުން އޭނާއަށް ސިއްޚީ ފަރުވާ ފޯރުކޮށްދިނުމުގައި ޢަމަލުކޮށްފައިވާ ގޮތް ބަލާނެކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވިދާޅުވިއެވެ،

އެޗްއާރްސީއެމްއިން ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށުގައި އަޠުހަރު ހުއްޓައި ސެޕްޓެމްބަރު 1ގައި ދިމާވި ހާދިސާ ހިނގި ވަގުތުން ފެށިގެން އެކަން އެ ކޮމިޝަނުގެ ސަމާލުކަމަށް ފުލުހުން ގެނެސްފައިވާ ކަމަށެވެ. އެއާއެކު އެ ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ކަމާއި ގުޅުންހުރި މައުލޫމާތުތައް އެއްކޮށް، ޖަލުގައި ހިނގި ކަންކަންވެސް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާ މަރުވުމާއި ގުޅިގެން އެމައްސަލަވެސް ބަލާނެ ކަމަށް އެކޮމިޝަންގެ ބަޔާނުގައި ވިދާޅުވިއެވެ.

މިމައްސަލަ އެޗްއާރްސީއެމްއިން ބަލަމުންދާއިރު، މި މައްސަލައިގަ ކަންހިނގާދިޔަ ގޮތުގެ ވީޑިއޯތައް އަޠުހަރުގެ އާއިލާއަށާއި ނޫސްވެރިންނަށްވަނީ ދައްކާލާފައެވެ. އަދި އެކަމުގެ ތަހުޤީޤު ތިން ދިމާއަކުން ވަކިވަކިން ކުރާނެ ކަމަށް ދާޚިލީ ވަޒީރު ވަނީ ވިދާޅުވުފައެވެ.