ޚަބަރު

އަވަސްކުރަން ދުވެލި ބާރުކުރުމުން، އަވަހަށް ގެއްލެނީ ފުރާނަ، ދުވެލި މަޑުކުރޭ!


  • މިދިޔަ ދެ މަހު ވެސް 400ށްވުރެ ގިނަ އެކްސިޑެންޓް ރިޕޯޓްކޮށްފައިވޭ

ހޭލާފައިވާ ފޯނު ބަލާއިރު އެންމެ ފުރަތަމަ ވެސް ފެނުނީ މާލެ ސަރަޙައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވި ޚަބަރެވެ. ހިތަށް އެރިއެވެ. ބައެއް މީހުންނަށް ނުވިސްނެނީ ކީއްވެގެންބާއެވެ. ތިމާގެ ސަބަބުން އަނެކާގެ ފުރާނަދާއިރުވެސް ފަރުވާކުޑަކޮށް އުޅަނދުތައް ދުއްވުމަކީ މިއީ ކިހާވަރެއްގެ ކަމެއްކަން ނޭނގެނީބާއެވެ. އެ ވަކިވެގެންދާ ފުރާނައާއެކު އެތައް ބަޔެއްގެ ލޯބި ވަނީ ގުޅިފައެވެ. އެއީވެސް ކޮންމެވެސް މީހެއްގެ ދަރިއެކެވެ. ކޮއްކޮއެކެވެ. ބޭބެއެކެވެ. ކޮންމެވެސް މަންމައެއްގެ ލޮލުގެ ނޫރެވެ.

ތިމާ ފަރުވާ ކުޑަކުރުމުގެ ސަބަބުން އާއިލާއަކަށް ގެއްލިގެން އެ ދިޔައީ ދެން ދުވަހަކުވެސް އަނބުރާ ނާންނާނެ މީހެކެވެ. މިއަދު އެ އާއިލާއަށް މަޖުބޫރުވެފައިވަނީ އެމީހެއްގެ ހަނދާންތަކާއެކު ދިރިއުޅުމުގެ ބާކީ ދުވަސްތައް ވޭތުކުރުމަށެވެ.

ކޮންމެ މަހަކު 200އަށްވުރެ ގިނަ އެކްސިޑެންޓް


ވިސްނާލުން މުހިންމެވެ. އެންމެ އެކްސިޑެންޓެއްގެ ސަބަބުން އާއިލާއެއްގެ ދިރިއުޅުން އެފުށުން މިފުށަށް ޖަހާލެވޭއިރު ތިމާއަށް ކުރެވުނީ ކިހާވަރެއްގެ ކަމެއްކަމެވެ. އެކްސިޑެންޓްތައް ހިނގާ މިންވަރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

ފުލުހުން މިއަހަރުގެ އޮގަސްޓް މަހާ ހަމައަށް އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި 6 މަސް ދުވަހު 1907 އެކްސިޑެންޓްގެ މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. ޖުލައި މަހު އެކަނިވެސް އެކްސިޑެންޓްގެ 210 މައްސަލަ ރިޕޯޓްކޮށްފައިވާއިރު ނިމުނު އޮގަސްޓް މަހު ވަނީ 204 މައްސަލަ ރިޕޯޓްކޮށްފައެވެ. މިއީ މަދު ޢަދަދެއް ނޫނެވެ. މަހެއްގެ މައްޗަށް 200ށްވުރެ ގިނަ އެކްސިޑެންޓް ހިނގާއިރު މި އެކްސިޑެންޓްތަކުގައި ކިތައް މީހުންނަށް އަނިޔާވިތޯއެވެ؟ އަދި އެކްސިޑެންޓުން ލިބުނު އަނިޔާތަކުގައި މިއަދާ ހަމައަށް ކިތައް މީހުން އެ އަނިޔާތަކުގައި ވޭތުކުރަމުންދޭބާއެވެ؟ ވަގުތީ ހިތްހަމަޖެހުމަކަށްޓަކައި ބާރަށް އުޅަނދު ދުއްވާއިރުއާއި، ނުގަވާއިދުން މަގުމަތީގައި އުޅަނދުތައް ދުއްވާއިރު ވިސްނާލަނީ ކިތައް މީހުންތޯއެވެ؟

ބާރަށް ދުއްވަނީ ހިތްހަމަޖެހުމަށް، ނުރައްކާ އަނެކާއަށް


ތަނަކަށް ދާން ގަޑިޖެހޭތީ އުޅަނދުތައް ބާރު ސްޕީޑުގައި ދުއްވާ މީހުންވެސް މަދެއް ނޫނެވެ. ތިމާގެ ހިތްހަމަޖެހުމަށްޓަކައި ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވާ މީހުން ވެސް މަދެއް ނޫނެވެ.

ސިގްނަލް ނުދީވެސް ބައެއް މީހުން އުޅަނދުތައް ދުއްވާލެއް މަދެއްނޫނެވެ. ގޯޅިއާ އަރާ ހަމަވެފައިވެސް ސިގްނަލް ދެއެވެ. އޯވަޓޭކް ކުރަނީ އެއްވެސް ބަލާލުމެއް ނެތިއެވެ. ކަނޑައެޅިފައިވާ ލޭން ނޫން އަނެއް ލޭނަށްވެސް އަރަނީއެވެ. އަވަހަށް ދިޔުމަށްޓަކައެވެ.

އަވަސްކުރުމުގެ ދަތުރުގައި ދުވެލި މަޑުކުރަން އެބަޖެހެއެވެ. އަވަސްކުރުމުގެ މި ހާޖާނުގަނޑުގައި ތިމާ އާއި އަނެކާގެ ފުރާނަ ވައްޓަލެވޭނީ "ޝޯޓްކަޓްގެ ނުރައްކަލަކަށެވެ". މިއީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. މަގުމަތީގެ އުސޫލުތަކާ ޤަވާއިދުތަކަށް ބޯލަނބަންވީއެވެ.

ޤަވާއިދުތަކާ އުސޫލުތައް ހަދަނީ ޖޫރިމަނާކޮށްގެން އާންމުންގެ އަތުން ދައުލަތަށް ފައިސާ ހޯދާކަށް ނޫނެވެ. ޤަވާއިދުތަކާ އުސޫލުތައް ހަދަނީ ތިމާ އާއި ދެން ހުރި މީހާގެ ވެސް ރައްކަލަކަށެވެ. މަގުމައްޗަކީ އަމާންތަނަކަށް ހަދައި، ބިރެއް ނެތި މަގުމަތީގައި ދަތުރުފަތުރު ކުރުމުގެ ހައްޤު ހުރިހާ އެންމެންނަށްވެސް ކަށަވަރުކޮށްދިނުމަށްޓަކައެވެ. ޒިންމާދާރުވާން އެބަޖެހެއެވެ. ޒިންމާ އަދާކުރަން އެބަޖެހެއެވެ.

އެކްސިޑެންޓްތައް މަދުކުރެވޭނީ އެންމެންގެ މަސައްކަތުންނެވެ. އުޅަނދު ދުއްވާއިރު ތިމާ އަކީވެސް ޤަވާއިދަށް ބޯލަނބާ މީހަކަށް ވެގެންނެވެ. ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން މަދު ކުރެވޭނީ އަދި މިކަމުން ލިބޭ ގެއްލުންތައް ކުޑަކުރެވޭނީ މުޖުތަމަޢުގެ އެންމެންގެ އެއްބާރުލުމާއެކުގައެވެ.