ޚަބަރު

ރާއްޖެއަކީ މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން ރައީސް ސާބިތުކޮށްދެއްވައިފި: ޤާސިމް


  • ރައީސް ޤައުމު ތަމްސީލް ކޮށްދެއްވީ، ނުހަނު ވިސްނުންތެރިކަމާއެކު

  • ޢިލްމާއި ހުނަރު ލިބިފައިވާ ޤައުމެއްކަން ސާބިތުކޮށްދެއްވި

އދ. ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖެ ތަމްޞީލު ކުރައްވައި ރާއްޖެއަކީ މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން ސާބިތުކޮށްދެއްވާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނު މަރުޙަބާ ވިދާޅުވެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ޤާސިމް ވިދާޅުވީ ‏ޖިއޮގްރަފީގޮތުން ކުޑަނަމަވެސް، އދ. ގެ ޢާންމު މަޖިލީހުގެ ސެޝަންތަކުގައި މީގެ ކުރިންވެސް ރާއްޖޭގެ ބައެއް ވެރިން ބައިވެރިވެވަޑައިގެން، ރާއްޖެ ތަމްޞީލު ކުރައްވައި ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކާއި، އަދި މުޅި ދުނިޔެއަށް ދިމާވެފައިވާ އެކި ކަންތައްތަކާ ގުޅޭ ގޮތުން މުނާސަބުގޮތެއްގައި އަޑުއުފުއްލަވާފައިވާ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމު ތަމްޞީލު ކޮށްދެއްވީ، ނުހަނު ވިސްނުންތެރިކަމާއި މުނާސަބުކޮށް ކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.


ޤާސިމް ވިދާޅުވީ އދ. ގައި ރާއްޖެ ތަމްޞީލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ، މި ޤައުމަކީ ފަޚުރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ، ޢިލްމާއި ހުނަރު ލިބިފައިވާ، ތަރައްޤީއަށް އުންމީދު ކުރާ ތަޞައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން، ސާބިތުކަމާއެކު ދައްކުވައިދެއްވާފައިވާ ކަމަށެވެ.

‏އދ. ގެ ޢާންމު މަޖިލީހުގައި ރައީސް ދެއްވި ތަޤުރީރަށް ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔަކަންވެސް ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ. އެމަނިކުފާނުގެ ތަޤުރީރުތަކުގައި މިއަދު ދުނިޔެއަށް މުހިންމު ކަންކަން ފާހަގަކުރައްވާފައިވާއިރު ރާއްޖޭގެ ވިންދާ ގުޅިފައިވާ ފަލަސްޠީނުގެ މައްސަލައިގައި ސަޙްޔޫނީ ދައުލަތުން ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެރިކުރައްވާ ދެއްކެވި ވާހަކަފުޅު މުޅި އިސްލާމީ ދުނިޔެއާއި، އަދި ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގެންފައިވާކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުު ޤާސިމް އިބްރާހީމް ވަނީ 2040 ގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭއިރު، އެހާތަނަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި އޮތުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވަރުތައް މުޅި ދުނިޔޭގެ ކުރިމަތީގައި ހާމަކޮށްދެއްވާ، ޤައުމާއި ރައްޔިތުންނާމެދު ދައްކުވައިދިން ފަޚުރުވެރި ނަމޫނާއަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.